ޚަބަރު

ރައީސް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިޔާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މަތީފަންތީގެ މަޝްވަރާބައްދަލުވުމެއް ބޭއްވެވިއެވެ. އިންޑިޔާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ވަކިން ބޭއްވެވި ބައްދަލުވުމުގައި ދެބޭފުޅުންވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ތަފާތު އެކި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވަވާފައެވެ. މަޝްވަރާތަކަށްފަހު ދެޤައުމުގެ ދެމެދުގައި މުހިއްމު 6 އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

ރައީސްގެ ދަތުރުފުޅުގައި އިންޑިޔާގެ ރައީސް ޕްރަނާބް މުކެރެޖީއާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވެސް ޓެރަރިޒަމް އަދި ރެޑިކަލިޒަމް ނައްތާލުމަށް މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް އަޙްމަދު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.