ޚަބަރު

ޗައިނާ ދަތުރުގެ ތެރެއިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައި: ރައީސް


ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ މާލޭވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިދަތުރުފުޅާ ބެހޭ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިލޭ އެހީގެ ފައިސާ ހަމަޖެހިގެން މިދިޔައީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫޢުތަކަށް ކަމަށެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަގު ހެދުމުގެ މަޝްރޫޢަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

" މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިއަން ޗައިނާ ފައިސާ ގާތްގަޑަކަށް 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައި. ރާއްޖޭގައި ކަނޑައަޅާ ތަރައްޤީގެ އެކިއެކި ކަންކަމަށް، މަޝްރޫޢުތަކަށް ހޭދަކުރުމަށް. އޭގެތެރެއިން އެންމެބޮޑު އެއްޗެއް ޚަރަދުކުރުމަށް ކަނޑައެޅިފައިވަނީ މާލޭގެ މަގުތައް ހެދުމަށް. އޭގެއިތުރުންވެސް ގިނަ ކަންތައްތަކަށް އޭގެތެރެއިން ކަވަރކުރެވިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އެގޮތުން، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ގިނަ ކަންކަމާ މަޝްވަރާކުރައްވައި އެއްބަސްވުންތަކުގައި ސޮއިކުރެވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ދާއިރާ،
މަސްވެރިކަން ފުޅާކުރުމާއި ތަރައްގީ ކުރުމުގެ ދާއިރާ، ޑިޖިޓަލް އިގްތިސާދު ތަރައްގީ ކުރުމުގެ ދާއިރާ، ލޯ ކަރބަން ގްރީން އިކޮނޮމީ އިންވެސްޓްމަންޓް އިތުރުކުރުން، ޕަބްލިކް ސާވިސް މީޑިއާ ތަރައްގީ ކުރުން، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ދާއިރާއިން ސްކޮލަޝިޕްތައް ފޯރުކޮށްދިނުން، އިޤްތިސާދު ތަރައްގީ ކުރުން، ފުޑު ސެކިއުރިޓީ އާއި އެގްރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުން ހިމެނެއެވެ.