ފުޓުބޯޅަ

ކޮންމެ ގޮތަކުންވެސް މޮޅުވާންޖެހޭ - ސްޓޮއިކޯފް


ކޮންމެ ގޮތެއް ހަދާފައިވިޔަސް މާދަމާގެ މެޗް ކާމިޔާބުކުރަން ޖެހޭކަމަށް ނިއުރޭޑިއެންޓް ކޯޗް ޔޮރްދާން ސްޓައިކޯފް ބުނެފިއެވެ.

އޭއެފްސީ ކަޕްގައި މާދަމާ ރަސްމީ ދަނޑުގައި ހޮންކޮންގެ ކިޗީއާ ދެކޮޅަށް ނުކުތުމުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓައިކޯފް ބުނީ މުބާރާތުގެ ދެވަނަ ބުރުގެ ފުރުޞަތެއް ހޯދުމަށް ކިރިޔާވެސް އުއްމީދެއް ލިބެން އޮތީ މާދަމާ އަމިއްލަ ދަނޑުގައި ކުޅޭ މެޗް ކާމިޔާބުކޮށްގެން ކަމަށާ އެކަން ވާނީ ހުރިހާ ކުޅުންތެރިންވެސް ވަރަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ޓީމުގެ ކެޕްޓަން އަނިޔާއިން ސަލާމަތްވެ މާދަމާގެ މެޗްގައި ކުޅެވުމަކީ މުޅި ޓީމަށް ލިބޭނެ ހިތްހަމަ ޖެހުމެއްގެ ގޮތުގައި ސްޓައިކޯފް ފާޙަގަކުރިއެވެ. 

" ކިޗީ ޓީމަކީ ވަރަށް މޮޅު ޓީމެއް. އެ ޓީމު ބަލިކުރުމަކީވެސް ފަސޭޙަކަމެއް ނޫން. އަނެއްކާ އެ ޓީމުގެ މުހިންމު ބިދޭސީ ދެ ކުޅުންތެރިން އެ ވަނީ ޓީމާ ގުޅިފައި. އެހެންވީމާ އެއީ އެ ޓީމު އިތުރަށް ވަރުގަަދަވާނެ ކަމެއް. އެހެންނަމަވެސް އަހަރުމެންގެ ކެޕްޓަން ޓީމާ ގުޅިފައިވުމަކީ ޓީމެއް ލިބޭނެ ހިތްވަރެއް. މަސައްކަތް ކޮށްފިއްޔާ މެޗް ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް" ސްޓައިކޯފް ބުންޏެވެ. 

ކިޗީގެ ކޯޗް ޗު ޗީ ވޮންގ ބުނީ ނިއުރޭޑިއެންޓަކީ މޮޅު ޓީމެއް ކަމަށާއި، އެ ޓީމު ބަލިކުރަން ބޭނުންނަމަ މާދަމާ ވަރަށް ބޮޑަށް މެޗަށް ސަމާލުކަން ދޭން ޖެހޭނެކަމަށެވެ. އަދި ކުޅުންތެރިން ތިބީ މެޗަށް ސަތޭކަ ޕަސެންޓް ދީގެން ކަމަށާއި، ޓީމަށް ދިމާވާނެ ހަމައެކަނި މައްސަލައަކަށް ވާނީ މެޗު ކުޅޭ ގަޑީގައި ހޫނުވުމުގެ މައްސަލަ ކަމަށް ކިޗީގެ ކޯޗް ޗު ޗީ ވޮންގ ފާޙަގަކުރިއެވެ.

 " މި މެޗަށް ޓީމު މިހާރު މި ވަނީ ވަރަށް ރަނގަަޅަށް ތައްޔާރުވެފަ. ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ޓީމާ ގުޅިފައިވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެހެންނަމަވެސް ނިއުރޭޑިއެންޓަކީ ވަރަށް މޮޅު ޓީމެއް. އެމީހުންގެ ދަނޑުގައި ބަލިކުރުމަކީ ފަސޭޙަކަމަކަށް ނުވާނެ. އަދި މި ހޫނުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވާނެކަމަށް ޤަބޫލުކުރެވޭނެ" ޗު ޗީ ވޮންގ ބުންޏެވެ. 

އޭއެފްސީ ކަޕްގައި މާދަމާ ނިއުރޭޑިއެންޓާ ކިޗީ ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ. މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.