ޚަބަރު

އިންތިޚާބާ ގުޅިގެން މިހާތަނަށް ރަސްމީ އެއްވެސް ޝަކުވާއެއް ނުލިބޭ: ފުއާދު


  • ނުރަސްމީ ޝަކުވާއެއް ހުށަހެޅި، އެކަން ވަނީ ހައްލު ކުރެވިފައި

  • ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކަން ފާހަގަކުރެއްވި

  • ފަހުވަގުތަށް މަޑުުނުކޮށް ވީހާވެސް އަވަހަށް ވޯޓުލާން އެދިވަޑައިގެންނެވި

މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި ރަސްމީކޮށް އެއްވެސް ޝަކުވާއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ނުވާ ކަމަށް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ ނުރަސްމީ ޝަކުވާއެއް ހުށަހެޅި ކަމަށާއި ނަމަވެސް އެ މައްސަލަ މިހާރު ހައްލު ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ބަލާއިރު އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދަނީ ވަރަށް އަމާންކަމާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުއާދު ވަނީ ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން އަދި ސަރުކާރުން ވެސް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ފުއާދު ވިދާޅުވީ މިއަދުގެ މިހާތަނަށް ބަލާއިރު އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވޭ ކަމަށެވެ. ބައެއް ފަރާތްތަކުން ފަހުވަގުތު ވޯޓުލާން ދާން ތިބޭކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ ފަހުވަގުތަށް މަޑުކުރުމުގެ ސަބަބުން ވޯޓުލުމުގެ ޙައްގު ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވެ ފަހުވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލާން ދިއުމަށް ފުއާދު އެދިވަޑައިގެންނެވިއެވެ.

ފުއާދު ވިދާޅުވީ މިއަދުގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ 17:00 އާ ހަމައަށް ކަމަށާއި އެއަށްވުރެ ވަގުތު އިތުރުކުރެވެން ނެތް ކަމަށެވެ. އީސީން ވަނީ ރާއްޖޭގެ މޫސުން ފާއިތުވި ދެ ދުވަހު ގޯސްވުމުގެ ސަބަބުން ގިނަ ބައެއްގެ އެދުމުގެ މަތިން ވޯޓުލާ ވަގުތު އެއްގަޑިއިރު އިތުރުކުރައްވާފައެވެ.

މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި 56,002 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާއިރު މިއަދު މެންދުރު 15:00 އާ
ހަމައަށް ވޯޓުލާފައިވަނީ 12،198 މީހުންނެވެ. އެއީ ޖުމްލަ ވޯޓުލެވޭ މީހުންގެ 21.78 އިންސައްތައެވެ.