ޚަބަރު

ވިއްސާރައިގެ ސަބަބުން މާލޭގެ 14 ގެއަކުން 81 މީހަކަށް ވަޤުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވޭ


  • މާލެއަށް ވެފައިވާ ގެއްލުންތަކުގެ އެސެސްމަންޓެއް ހަދާނެ

  • އަތޮޅުތަކުން 5 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

  • އޭގެ ތެރެއިން ށ. ކޮމަންޑޫއަށް އުދަ އަރައިގެން 5 ގެއަކަށް ގެއްލުން ވެފައިވޭ

އިއްޔެ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާގުޅިގެން 14 ގެއަކުން 81 މީހަކަށް ވަގުތީ ހިޔާ ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރި ވިއްސާރާއިގެ ގެއްލުންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ މާލެއިން 81 ފަރާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދެވުނަސް، މާލެއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު އެނގޭނީ، އެސެސްމަންޓެއް ހެދިގެން ކަމަށެވެ. އަދި ވިއްސާރާގައި ފެންބޮޑުވެ، ގޭގެއަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެކަމަށް ޙިސާން ވިދާޅުވިއެވެ.

ޙިސާން ޙަސަން ވިދާޅުވީ އިއްޔެ މުޅި ރާއްޖެއަށް ކުރި ވިއްސާރާގައި ބޮޑެތި ގެއްލުންތަކެއް ވެގެން 5 ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން، ށ. ކޮމަންޑޫއަށް ރެޔާއި އޭގެ ކުރީ ރޭ ކުރި ވިއްސާރާއާއި، އުދައެރުމުގެ ސަބަބުން، 5 ގެއަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށް ޙިސާން ވިދާޅުވިއެވެ. އަދި އެރަށުން މީހުންވެސް ގެއިން ބަދަލުކުރަން ޖެހުނުކަމަށް ޙިސާން ވިދާޅުވިއެވެ.

ޙިސާން ޙަސަން ވިދާޅުވީ، ކޮމަންޑޫގެ އިތުރުން، ތ. ދިޔަމިގިއްޔާއި، ލ. މާމެންދޫއާއި، ތ. ގުރައިދޫއާއި، ދ. ކުޑަހުވަދޫއިންވެސް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި 4 ރަށުން ބައެއް ގޭގެއަށް ފެންވަދެ، ހިފާއިގެންގުޅޭ ސާމާނަށް ގެއްލުންވެފައިވާކަން ޑިޒާސްޓަރ މެނޭޖްމަންޓަށް ރިޕޯޓުކޮށްފައިވާކަމަށް އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަނަކުން އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާގޮތުގައި އަންނަ ހޯމަ ދުވަހު މޫސުން އަލިވާނެއެވެ.