ޚަބަރު

ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ބިން ދޫކުރަން ފަށައިފި


ހދ ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބިން ދޫކުރަންފަށައިފިއެވެ. ކުޅުދުއްފުށި އުތުރު ބަނދަރު ސަރަހައްދުން ބާރަ ބިމެއް ގޭހާއި ތެލުގެ ވިޔަފާރި ކުރާ މީހުންނަށް ދޫކުރަން ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށި ކައުންސިލް އިދާރާއިން ހާމަކުރައްވައެވެ. އެގޮތުން މިހާރު ހަ ބިމެއްގެ ބިޑް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ކައުންސިލް އިދާރާގެ ރައީސް އަލީ މުހައްމަދު ވިދާޅުވިއެވެ. މިއީ ދެހާސް އަކަފޫޓްގެ ބިންތަކެއްކަމަށާއި މިހާރު ކުއްޔަށް ނުދީ ހުރި 6 ބިން ވެސް ވަރަށް އަވަހަށް ކުއްޔަށް ދެވޭނެކަމަށް ކައުންސިލް އިދާރާއިން ހާމަކުރައްވައެވެ. 

ކުޅުދުއްފުށީގައި ހިއްކާފައިވާ ސަހަރަހައްދުންވެސް ބިން ދޫކުރަން ހަމަޖެހިފައިވާކަމަށް ކައުންސިލް އިދާރާއިން ހާމަކުރައްވައެވެ. ނަމަވެސް މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުންކަމަށް ކައުންސިލް އިދާރާއިން ހާމަކުރައްވައެވެ.

ކުޅުދުއްފުށީގައި 28 ހެކްޓަރުގެ ބިން ހިއްކާފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. ކުޅުދުއްފުށީ ހާބަރ އެކްސްޓެންޝަން ޕްރޮޖެކްޓްގެ ނަމުގައި ހިއްކި ބިން ތަރައްޤީ ކުރައްވަން ސަރުކާރުން ނިންމެވީ، 2014 ވަނަ އަހަރުއެވެ.