ޚަބަރު

ފެން ބޮޑުވި ސަރަޙައްދުތަކުގެ ފެން ހިންދައި އާންމު ޙާލަތަށް ގެނެސްފި


  • މާލެ ޢާންމު ޙާލަތަށް ގެނެސްފައިވަނީ ރޭ ފަތިހު 5:00 ހާއިރު

  • މާލޭގެ 8 ސަރަހައްދެއްގައި ފެންހިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ

  • ފެންބޮޑުވުމުގެ ސަބަބުން މާލޭގެ ބައެއް ގެތަކަށް އެކިވަރުގެ ގެއްލުން ވަނީ ވެފައި

ވާރޭވެހި މާލޭގައި ފެންބޮޑުވި ސަރަހައްދުތަކުގެ ފެން ހިންދައި އާންމު ޙާލަތަށް ގެނެސްފިއެވެ.

އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކި ގެތަކަށް ވަނީ އެކި ވަރުގެ ގެއްލުންވެފައެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވާ ގޮތުގައި ފެންބޮޑުވި ސަރަހައްދުތަކުގައި ފެން ހިންދައި އާއްމު ހާލަތަކަށް ގެނެވިފައިވަނީ ފަތިހު 5:00 ހާއިރުއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ގޭގެއަށް ފެންވަންނަތީ 176 ގެއެއްގައި ވެލިބަސްތާ ޖަހައި އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި ރޭ ދަންވަރު 2:35 އާ ހަމަމައަށް ޕަމްޕް ބޭނުންކޮށްގެން 27،449 ޓަނުގެ ފެން ހިންދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭގެ 8 ސަރަހައްދެއްގައި އެމްއެންޑީއެފުން ވަނީ 23 ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.