ޚަބަރު

"އިސްލާމީ ޝަރީއަތުގެ އެންމެމުހިންމު މަޤްސަދުތަކުގެ ތެރޭގައި ބުއްދިއަށް ރައްކާތެރިވުން ހިމެނޭ"


  • މަސްތުވާތަކެތީގެ ސަބަބުން މުޅި މުޖުތަމަޢަށް ގެއްލުންވޭ

  • ރާއްޖޭގައި ގިނަ ޢަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވޭ

  • މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ

ބުއްދި ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެމުހިންމު މަޤްސަދުތަކުގެ ތެރޭގައި ލައްވަވާފައިވާ ކަމެއްކަން ބަޔާންކުރައްވައި އެކަމަށް ރައްކާތެރިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ "މަސްތުވާ ތަކެތީގެ ނުރައްކާ"އެވެ.

މަސްތުވާ ތަކެއްޗަކީ ހަމަ ބުއްދިއާއި ހެޔޮ ވިސްނުމުން އިންސާނާ އެއްކިބާކޮށްލާ އެއްޗެއްކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވެފައިވަނީ، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ވަބާއަކީ މަސްތުވާތަކެތީގެ ވަބާކަން ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައެވެ.

މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ހަށިގަނޑުގައިވާ އެންމެ ހިމަ ނާރުތަކަށް އޭގެ ވިހަ އަސަރުކުރާކަމާއި ފަހުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލި ނަމަވެސް، އީމާންކަން ބަލިކަށި މީހުން އަލުން އޭގެ ނުރައްކަލަށް ހުށަހެޅޭކަން ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެއްކަމާއި މިރާއްޖޭގެ ގިނަ ޢަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވުމަކީ އިންތިހާދަރަޖައަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޚުޠުބަގައި ވިދާޅުވެފައިވެއެވެ. މަސްތުވާތަކެތީގެ ނުރައްކަލުގެ ތެރެއަށް ވެއްޓުމަކީ އޭގެސަބަބުން އަމިއްލަ އަތުން އަމިއްލަ ހަށިގަނޑު ހަލާކުގެތެރެއަށް ވައްޓާލުންކަން ބަޔާންކުރައްވާފައިވެއެވެ. އަދި ތަކުރާރުކޮށް މިމަންޒަރު ރާއްޖޭގެ މުޖުތަމައުން ފެންނަކަމީ ހިތާމަހުރިކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.

މަސްތުވާތަކެއްޗަކީ އެހެން ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލުކަން ބަޔާންކުރައްވައި ޚުޠުބާގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންނަކީ ވަޒީފާ އަދާކުރެވޭ ވަރުގެ ބައެއް ނޫނެވެ. އެމީހުންނަށް ވަޒީފާ ދިނުމަށްވެސް މީހުން ފަސްޖެހެއެވެ. އަދި އެއިން މީހަކަށް މަސައްކަތެއްކޮށްގެން ލިބޭ އެއްޗެއްވެސް ހޭދަކުރަން މިޖެހެނީ، ތިބާއާއިި ތިބާގެ އަނބިމީހާއާއި ދަރިންގެ ލަާބައާއި މަންފާގެ ބަދަލުގައި އަމިއްލަ ހަށިގަނޑުގެ ހަލާކަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ އަވާގައި ޖެހުމަށްވުރެ ވަކިން ބޮޑު ނުރައްކަލެއް އޮންނާނެހެއްޔެވެ؟" ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ނިކުތުމަށާއި ރާއްޖެ ފަދަ ގައުމެއްގައި މަސްތުވާތަކެތީގެ ކަންކަމުގައި މަސްޣޫލުވާ މީހުންނަށް ހަރުކަށި އުޤޫބާތެއް ކަނޑައެޅުން މުހިންމުކަމަށެވެ. އެގޮތުން ތަފާތު ވަސީލަތްތައް ބޭނުންކޮށް އެންމެން ގުޅިގެން ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް މަސައްކަތްކުރަންޖެހޭކަމަށް ޚުތުބާގައި އިލްތިމާސްކުރެއްވިއެވެ.

ޚުތުބާގައި ވިދާޅުވީ ފައިދާހުރި ރަނގަޅުތަކެއްޗާއި ގެއްލުންހުރި ތަކެތި ދުނިޔެމަތީގައި ލައްވާފައިވަނީ މަތިވެރި ޙިކުމަތަކަށްޓަކައި ކަމަށެވެ. އެގޮތުން އިންސާނާގެ ހަށިގަނޑަށް ގެއްލުންވާ ތަކެތީގެ ތެރެއިން ދިޔާ އެއްޗެއް، ހިކި އެއްޗެއް، ދުމެއް، އިނޖެކްޝަނެއް، ކެޕްސޫލެއް ނުވަތަ އެހެން ޒާތަކަށް ހުރި އެއްޗެއް ކަމުގައި ވިޔަސް އޭގެ ސަބަބުން އިންސާނާގެ ހަމަ ބުއްދި ފިލާ ދާ ކޮންމެ އެއްޗަކީ މަސްތުވާތަކެތިކަން ޚުތުބާގައި ބަޔާންކުރައްވާފައުވެއެވެ.

މަސްތުވާތަކެތީގެ ސަބަބުން ގެގެއްލުން ލިބެނީ ހަމައެކަނި އެތަކެތި ބޭނުންކުރާ މީހުންނަށް އެކަނި ނޫންކަމާއި އޭގެ ސަބަބުން އާއިލާއަށާއި މުޅި މުޖުތަމައަށާއި މުޅި އުންމަތަށް އެތައް ގެއްލުމަކާއި ނުރައްކަލެއް ކުރިމަތިވާކަން މިއަދުގެ ހުކުރު ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.