ޚަބަރު

ރައީސް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު- ދުންޔާ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ، ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިޔަ ދަތުރުފުޅެއް ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއެކު، އިންޑިޔާއަށް ގެންދެވި ވަފުދުގެ ބޭފުޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އިންޑިޔާއަށް ކުރެއްވި ތިންވަނަ ދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

އިންޑިޔާގެ ރައީސާއި، ބޮޑުވަޒީރާއި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުންތަކުން އެކަން ސާފުވެގެން ދިޔަކަމަށް ދުންޔާ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ތަރައްޤީއާ ގުޅޭ މުހިންމު 6 އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދިޔައިރު، ބައިނަލްއަޤްވާމީ މައިދާނުގައި އެއްޤައުމު އަނެއް ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށް ތެދުވާނެކަން ހާމަވެގެންދިޔަ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުންތަކާ ބެހޭގޮތުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، އެއްބަސްވުންތަކުގައި ނިންމެވި ކަންތައްތައް ތަންފީޒު ކުރެއްވުމުގެ މަސައްކަތް ރާއްޖޭގެ ކަމާގުޅޭ ދާއިރާތަކުން މިހާރުވެސް ފަށްޓަވާފައިވާ ކަމަށެވެ. އިންޑިޔާއަކީ ގިނަ ދިވެހިން ދަތުރުކުރާ ޤައުމަކަށް ވުމާއެކު، ދަތުރުފަތުރުގެ އަގުން ޑަބަލް ޓެކްސް ނެގުން ހުއްޓާލުމަށް ނިންމެވުމަކީ ކުރިއަށް އޮތް ތަނުގައި ޓިކެޓުގެ އަގު ހެޔޮވެގެންދާނެ ކަމެއް ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.