ޚަބަރު

މުވައްޒަފުންނާއި ޚިދުމަތްތައް ތަރައްޤީކުރުމަށް ޕީއެސްއެމްއިން ޗައިނާގެ މީޑިއާތަކާއެކު އެއްބަސްވުންތަކެއް


  • އެއްބަސްވުން ޤާއިމްކުރީ ޗައިނާ މީޑިއާ ގްރޫޕާއި ޒިންހުއާ ނިއުސް އެޖެންސީއާއެކު

  • މުވައްޒަފުންނާއި ޚިދުމަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދޭނެ

  • މިނިވަންކަމާއެކު މީޑިއާ ކުރިއެރުވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް

މީޑިއާގެ ދާއިރާ ތަރައްގީކުރުމާއި ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ޗައިނާގެ ދެ މީޑިއާއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކަކީ ރައީސުލުޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ޤާއިމްކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުންތަކެކެވެ.

ބުދަ ދުވަހު ޗައިނާގައި ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްއާއެކު ސޮއިކޮށްފައިވަނީ ޗައިނާގެ ދައުލަތުގެ މީޑިއާ، ޗައިނާ މީޑިއާ ގްރޫޕާއި ޒިންހުއާ ނިއުސް އެޖެންސީންނެވެ.

ޗައިނާ މީޑިއާ ގްރޫޕާއެކު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން މުވައްޒަފުން ތަމްރީން ކުރުމާއި ހިދުމަތްތައް ބަދަލުކުރުމާއި ކޮންޓެންޓް އުފެއްދުމާއި އާކައިވް ކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ޒިންހުއާ ނިއުސް އެޖެންސީއާއެކު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ޚަބަރާއި ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިއަށް އޮތްތަނުގައި މުވައްޒަފުންގެ ކުރިއެރުވުމަށްވެސް މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމްއިން ޗައިނާގެ ދެ މީޑިއާއަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާއިރު މީޑިއާގެ މިނިވަންކަމާއި މީޑިއާ ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ މަސައްކަތެކެވެ. އެގޮތުން، ރާއްޖޭގައި މީޑިއާ ވިލެޖު ހެދުމާއި ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ހާއްސަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ވައުދުފުޅާއި އެއްގޮތަށް މިހާރުވެސް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.