16 ވަނަ ގައުމީ ބާސްކެޓް ލީގުގައި މި ފަހަރު އެއްވެސް ޓީމެއްގައި ބެދޭސީ ކުޅުންތެރިން ނުހިމެނޭ ގޮތަށް މުބާރާތުގެ ގަވާއިދަށް ބަދަލުގެނެސްފައިވާ ކަމަށް މޯލްޑިވްސް ބާސެކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަޙްމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެއެވެ.
މުބާރާތުގައި ތައްޔާރިތަކާ ގުޅޭ ގޮތުން ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގުރާމުގައި ވާހަކަދައްކުމުން އެޑަމް ވިދާޅުވީ މުބާރާތަށް އޮފިޝަލުން ތައްޔާރުކުރުމާއި ރެފުރީން ތައްޔާރުކުރުމަށް މި ފަހަރު ޚާއްސަ މަސައްކަތަކެއް ކުރިވެގިންދިޔަ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޕްރޮމޯޝަން ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށްވެސް އެޑަމް ވިދާޅުވިއެވެ.
ޓީމުތަކާ ކުޅުންތެރިން ޕްރޮމޯޓުކުރުމަކީ މި ފަހަރު އަލަށް ބާސެކްޓް އެސޯސިއޭޝަނުން ފެށުމަށް ހަމަޖެހިފަވާ މަސައްކަތެކެވެ. މި ފަހަރުގެ މުބާރާތުގައި ފެނިގެންދާނެ އެންމެ ބޮޑު ބަދަލަކީ ދުވަސްތަކަކަށްފަހު ބިދޭސީ ކުޅުންތެރިން ނުހަމަނާ ޓީމުތަކުން މުބާރާތުގެ ވާދަކުރަން ނިންމި ނިންމުމެވެ.
އެކަމަށް އިޝާރާތްކުރައްވާ އެޑަމް ވިދާޅުވީ މި ބަދަލު ގެންނަން އެންމެ ބޮޑަށް ވިސްނުނީ ކޮވިޑަށް ފަހު ޓީމުތަކުގެ މާލީ ހާލަތު އެހާ ރަނގަޅު ނުވުމުގެ އިތުރުން، ހުރިހާ ކުލަބަކުންވެސް އެގޮތަށް އެއްބަސްވެގެން ނިންމުމުން ކަމަށެވެ. އަދި ގައުމީ ލީގުގައި މި ފަހަރު ބިދޭސީ ކުޅުންތެރިން ނުފެނުނު ކަމުގަވިޔަސް، ކުރު މުއްދައްތަކަށް ރޭވިފައިވާ މުބާރާތްތަކުގައި އެ ކުޅުންތެރިންނަށް ވާދަކުރެވޭނެކަންވެސް އެޑަމް ފާހަގަކުރެއްވިއެވެ.
އެޑަމް ވިދާޅުވީ މި ބަދަލާއެކު މި ފަހަރުގެ ލީގުގައި ޓީމުތަކުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށާއި، މީގެ އިތުރުން ގައުމީ ލީގުން ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ހަމަ އެހެން ޓީމުތަކުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން މުބާރާތުގެ ކުރިން ތަށި ހޯދާނެ ޓީމެއް ލަފާކުރަން ދަތިކަމަށްވެސް އެޑަމް ވިދާޅުވިއެވެ.
"މިއީ ހުރިހާ ކުލަބަކުން އެއްބަސްވެގެން ނިންމި ނިންމުމެއް. އެހެން އަޅުގަނޑުމެން އެހެން މުބާރާތްތަކެއް އެބަހުރި ބޭރު ކުޅުންތެރިންނަށް ބައިވެރިވެވޭނެ، ތަންކޮޅެއް ކުރު މުބާރާތްތަކެއް.އަޙްމަދު އާދަމް (އެޑަމް) - އެމްބީއޭގެ ރައީސް
ޒުވާން ކުޅުންތެރިންނަށް ލިބެގެންދާ ފުރުސަތުތަކާ ގުޅޭގޮތުން އެޑަމް ވިދާޅުވީ އެއީ މީގެ ކުރިން ވީކެންޑް ލީގަކުން ފަށައިގަނެވުނު މަސައްކަތެއް ކަމަށެވެ. އަދި ބާސްކެޓުގައި ޒުވާން ކުޅުންތެރިން އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް ޓީމުތަކަށާއި ކޯޗުންނަށް ވަރަށް ބޮޑަށް އެޑަމް ވަނީ ތައުރީފުކުރައްވާފައެވެ.
މީގެ އިތުރުން އެޑަމް ވަނީ މި ފަހަރުގެ މުގައުމީ ލީގު ފެށުމުގެ ކުރިން އެގްޒިބިޝަން މެޗެއް މުޅިން އަލަށް ރޭވިފަވާކަން ފާހަގަކުރައްވާފައެވެ.