ޚަބަރު

ސައްޙަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި


  • ޑޮލަރުގެ ސައްޙަ ނޫން 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވޭ

  • ސައްޙަ ނޫން ޑޮލަރު ވިއްކިކަމަށް ޝައްކު ކުރެވޭ މީހަކު ވަނީ ހައްޔަރު ކޮށްފައި

ސައްޙަ ނޫން ޑޮލަރުތަކެއް ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 57 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިހާރަކަށް އައިސް އެމެރިކާ ޑޮލަރުގެ ސައްޙަ ނޫން 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ތަހުގީގު ކުރަމުންދާ ކަމަށާއި އެހެންވެ އެކަމަށް އާންމު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރެއްވިއެވެ.

ސައްހަނޫން ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ، މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ، ޑޮލަރު މުއާމަލާތްކުރާއިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.