އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ލޮރެންޒޯ ސްޕޯޓްސް ކުލަބު އަތުން ވިކްޓަރީ ސްޕޯޓްސް ކުލަބު ބޮޑު މޮޅެއް ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ވިކްޓަރީ މޮޅުވީ ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ.
ބޯވިއްސާރައިގައި ކުޅުނު މި މެޗުގައި ވިކްޓަރީން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ފަސް ލަނޑު ޖަހާފައެވެ. މި މެޗުގައި ވިކްޓަރީން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން 11 ވަނަ މިނެޓުގައެވެ. ކިރްގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މުޙައްމަދު އުމެއިރެވެ.
މި މެޗުގެ 28 ވަނަ މިނެޓުގައި އަނަޓޯލީ ނެގި ހުރަހަކުން ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް ވަނީ ލަނޑެއް ޖަހައި، ވިކްޓަރީގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ހުސެއިން ނިޔާޒް މުޙައްމަދު (ބޮކުރީ) ދިން ބޯޅައަކުން އިވާން ވަނީ މި މެޗުގައި އިތުރު ލަނޑެއް ޖަހާފައެވެ.
މި މެޗުގައި ވިކްޓަރީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ހާފުގެ މެދަކާ ހަމައިން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފީލްޑަރު ފާރޫކް ޚައިދަރޯފެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، އުމެއިރު ވަނީ ވިކްޓަރީގެ ފަސްވަނަ ލަނޑު ޖަހައިދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ވިކްޓަރީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި ހާފު ފެށިގެން ހަވަނަ މިނެޓުގައި އުމެއިރު ވަނީ ލަނޑެއް ޖަހައި، މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މެޗުގެ 67 ވަަނަ މިނެޓުގައި މޫސާ ޔާމީން (ޔާމްބެ) ނެގި ހުރަހަކުން ބަދަލަކަށް ކުޅެން އެރި އިބްރާހީމް ރިޒުހާން (ރިޒްކޮ) ވިކްޓަރީގެ ހަތްވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކޯނަރަކުން ކާމިޔާބުކޮށްދިނީ އަނަޓޯލީއެވެ.
މި މޮޅާއެކު ވިކްޓަރީން މުބާރާތުގެ ނޮކްއައުޓް ބުރާ ގާތަށް ޖެހިލިއިރު، އެ ޓީމުން ވަނީ ކުޅުނު ފުރަތަމަ މެޗުގައި ކުލަބު ޕީކޭ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.