ޚަބަރު

ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުންނަށް ޗައިނާގެ ރައީސް ރަސްމީކޮށް މަރުޙަބާ ވިދާޅުވެއްޖެ


  • މި ދަތުރުފުޅަކީ ޗަަައިނާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްދާނެ

  • އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ޚާއްސަ ފޯރަމެއް ބޭއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ރައީސް، ޝީ ޖިންޕިން، ރައީސް ޑރ. މުޢިއްޒަށް މިއަދު ރަސްމީކޮށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްއަށް ވަޑައިގަތުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން ވަނީ ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވާއިރު، ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ބޭއްވި އޮނަގާރޑެއް އެމަނިކުފާނު އިންސްޕެކްޓްކޮށްދެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ޗައިނާއާ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށްދަވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުންވެސް އޮންނާނެއެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް މީގެ ތެރޭގައި ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސްމެއެވެ.