ޚަބަރު

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް އޮފީސް


  • ކުރިއަށް އޮތް 3 ދުވަހު ޢާންމުކޮށް މޫސުން ގޯސްވާނެ

  • ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ރާއްޖޭގެ އިރުމަތީ ފަރާތުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން

  • އުތުރާއި މެދުރާއްޖެތެރެއަށް ވައި ގަދަވި ނަމަވެސް، ދެކުނަށް އެހާ ވައިގަދަ ނުވާނެކަމަށް މެޓުން ލަފާކުރޭ

ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށާއި، މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރަ އަލިވާނެކަމަށް ލަފާ ކުރެވެނީ އަންނަ އާދިއްތަ ދުވަހުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިއަށްއޮތް 3 ދުވަހު ވިއްސާރަކުރާނެ ކަމަށެވެ. އަދި މި 3 ދުވަހު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް އެ އިދާރާއިން ވިދަޅުވެއެވެ.

ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މެޓް އޮފީހުން ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 11:30 އިން ފެށިގެން ހަވީރު 17:00 ގެ ނިޔަލަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.


މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އިރުން މިހާރު އުފެދިފައިވާ ކޮޅިގަނޑު، ދަތުރުކުރަމުން ދަނީ ވަރަށް ލަސްކޮށްކަމަށާއި، އެހެންނަމަވެސް، އަންނަ އާދިއްތަދުވަހު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު ބޯކޮށް ވާރޭވެހޭނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން، އުތުރާއި މެދުރާއްޖެތެރެއަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އެހެންނަމަވެސް، ރާއްޖޭގެ ދެކުނަށް ވާއި އެހާ ގަދަނޫންކަމަށާއި، ދެކުނަށް ވައިޖެހޭނީ 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނަކަށްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވީ އުތުރާއި މެދުރާއްޖެ ތެރެއިން ރާޅު ބާނިތައް ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުކަމަށެވެ. އަދި ރާއްޖޭގެ ދެކުނުން 2 ފޫޓާއި 4 ފޫޓާއި ދެމެދު ރާޅު ބާނިތައް ހުންނާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.