ޚަބަރު

މި ސަރުކާރަކީ ހެދޭ ގޯސްތައް ފޮރުވާނެ ސަރުކާރެއް ނޫން: ނައިބު ރައީސް


  • ސަރުކާރުން މަސައްކަތްކުރައްވާނީ ހާމަކަން ބޮޑު ގޮތެއްގައިކަމަށް ވިދާޅުވި

  • ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ހެދޭ ގޯސްތައް ފޮރުވަން މަސައްކަތްކުރާނެ ސަރުކާރެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ މޭޔަރުގެ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީން ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.

ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް ގެނެސްދެއްވުމަށް ނިކުންނަވައިގެންކަމަށެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ދޭންޖެހޭ ހުރިހާ ބާރުތަކެއް ދިނުމަށް އަވަސްވެގަތްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރަކީ ހެދޭ ގޯސްތައް ރައްޔިތުންނަށް ފޮރުވާނެ ސަރުކާރެއް ނޫންކަމަށާއި ސަރުކާރުން މަސައްކަތްކުރާނީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ކަންކަން ހާމަކުރެއްވުމަށްކަމަށެވެ.

"އެއްވެސް ކަމެއް އެމަނިކުފާނު ފޮރުވާކަށް ނަހަދާ. މީޑިއާއަށް ވަރަށް ތަފްސީލްކޮށް ކޮންމެ ހަފްތާއަކުމެ ސަރުކާރުން ނިންމަމުންދާ ނިންމުންތައް ދައުލަތުގެ ވަޒީރުންނަށް ބާރުއަޅުއްވަނީ ވީހާވެސް މީޑިއާއާއި ގާތްކޮށް ރައްޔިތުންނަށް ހިދުމަތްދޭތަން ރައްޔިތުންނަށް ކިޔާދިނުމަށް. އަދި ގޯހެއް ހެދުނަސް އެ ގޯހަކީ ކޮބައިކަންވެސް ރައްޔިތުންނަށް ކިޔާދިނުމަށް. އެއީ ހެދޭ ގޯސްތައް ފޮރުވާނެ ސަރުކާރެއް ނޫން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ސަރުކާރަކީ." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް އެ ގޮތުގައި ފުރިހަމަކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެކަން އެގޮތުގައި އަބަދުވެސް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.