ޚަބަރު

އޮތެންޓިކް މޯލްޑިވްސް: 4 އަހަރުގެ ތެރޭގައި ސަޕްލަޔަރުންނަށް 63 މިލިއަން ރުފިޔާ


  • ފެށީ 57 ސަޕްލަޔަރުންނާއިއެކު، މިހާރު 300 އަށްވުރެ ގިނަ

  • ރާއްޖޭގެ އެކި ހިސާބުތަކުގައި އޮތެންޓިކްގެ 4 ފިހާރައެއް އެބަހުރި

  • ޖަޕާނުގެ 2 އެއަރޕޯޓެއްގައި ކިއޮސްކުތައްވެސް އެބަހުރި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގެ ސަޕްލަޔަރުންނަށް މިހާތަނަށް 63 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ބީސީސީއިން ބުނެފިއެވެ. އޮތެންޓިކް މޯލްޑިވްސް ވުޖޫދުވީތާ 4 އަހަރު މިހާރު ވަނީ ވެފައެވެ. އޮތެންޓިކް މޯލްޑިވްސްގެ ވިޔަފާރި ފަށާފައިވަނީ އެންމެ 57 ސަޕްލަޔަރުންނާއިއެކުއެވެ. ނަމަވެސް މިއަދު އެ އަދަދު ވަނީ ބޮޑުތަކުން އިތުރުވެފައެވެ.

އޮތެންޓިކް މޯލްޑިވްސް އަށް 4 އަހަރު ފުރުނުއިރު އެ ފިހާރައިގެ ސަޕްލަޔަރުންގެ ގޮތުގައި މިވަގުތު 300އަށްވުރެ ގިނަ ވިޔަފާރިވެރިން ދަނީ ޙަރަކާތްތެރި ވަމުންނެވެ. އަދި މި ސަޕްލަޔަރުންގެ 3000އަށްވުރެ ގިނަ އުފެއްދުންތައް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން މިހާރު ލިބެން ހުންނާނެކަމަށް ބީސީސީއިން ވަނީ ބުނެފައެވެ. މީގެތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ވިޔަފާރިވެރިން އުފައްދާ ތަކެއްޗާއި ކުޑަކުދިން އުފައްދާ ބައެއް ތަކެތިވެސް އޮތެންޓިކް ފިހާރަތަކުގައި ވިއްކައެވެ.

އޮތެންޓިކް މޯލްޑިވްސް އަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށްޓަކައި ބީސީސީން ހިންގާ ފިހާރައެކެވެ. އޮތެންޓިކް މޯލްޑިވްސްގެ ދަށުން މިހާރު ރާއްޖޭގައި 4 ފިހާރަ ހިންގަމުންދާއިރު، ޖަޕާނުގެ 2 އެއަރޕޯޓެއްގައިވެސް މި ފިހާރައިގެ ކިއޮސްކުތައް ޤާއިމްކޮށްފައިވާކަމަށް ބީސީސީއިން ބުނެއެވެ. އަދި އޮންލައިންކޮށް ވިޔޔަފާރި ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.

އޮތެންޓިކް މޯލްޑިވްސްއަށް މިއަދު 4 އަހަރު ފުރުނުއިރު، ބީސީސީގެ އަމާޒަކީ ދިވެހި އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކުގައި ޝޯވްކޭސްކޮށް ފަތުރުވެރިންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައި ވިޔަފާރިތަކަށް ރިސޯޓް މާކެޓް ފަހިކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ސަޕްލަޔަރުންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގައި ބާއްވާ ފަތުރުވެރިކަމާއި ވިޔަފާރިއާ ގުޅުންހުރި ބައިނަލްއަޤްވާމީ ފެއަރތަކުގައި އިސްތިހާރުކޮށް އިތުރަށް މާކެޓް ކުރުމަކީވެސް އަމާޒެއްކަމަށް ބީސީސީއިން ބުނެއެވެ.

ބީ.ސީ.ސީއަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ ހަވާލުވެފައިވާ ކުންފުންޏެވެ. ބީސީސީގެ ޚިދުމަށް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމަށްޓަކައި، މިހާރު ރާއްޖޭގެ 13 ސަރަހައްދެއްގައި ބިޒްނަސް ސެންޓަރ ވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ބީސީސީން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި، އެހީތެރިވެ ދިނުމުގެ މަސައްކަތް ވެސް ހިލޭ ފޯރުކޮށްދެމުންދާކަމަށް ބީސީސީއިން ބުނެއެވެ.

ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ފަހި ފުރުޞަތުތައް ހޯދައި ދިނުމުގެ މަޤްޞަދުގައި އޮތެންޓިކް މޯލްޑިވްސްގެ އިތުރުން އެސްއެމްއީ ހަބެއްވެސް ބީސީސީން ދަނީ ހިންގަމުންނެވެ. އަދި ބީސީސީން މިހާރު ދަނީ ރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަހި ފުރުޞަތުތައް ފޯރުކޮށްދީ އެ ފަރާތްތަކަށް ޙަރަކާތްތެރިވެވޭނެ ކްރިއޭޓަރ ހަބެއް ކައިރި މުސްތަޤްބަލެއްގައި ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.