ޚަބަރު

ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަންތަކަށް ޗާޕްކުރީ 64995 ވޯޓު ކަރުދާސް


  • ހޮނިހިރު ދުވަހު 5 ބައި އިލެކްޝަނެއް އޮންނާނެ

  • ފައިނަލް ވޯޓާސް ލިސްޓް ވަނީ އާންމުކޮށްފައި

  • އެންމެ ގިނައިން ވޯޓު ކަރުދާސް ޗާޕް ކުރީ މާލޭ މޭޔަރު ހޮވުމަށް

މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ވޯޓު ލުމަށްޓަކައި 64000 އަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބާއި، މާލެ ސިޓީ ކައުންސިލުގެ މާފަންނު ދެކުރު ދާއިރާއާއި، މެދުހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާގެ އިތުރުން، މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓުލުމަށްޓަކައި މިހާރު ވަނީ ވޯޓް ކަރުދާސް ޗާޕްކޮށްފައެވެ.

މި ވޯޓު ކަރުދާސްތައް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ބައި އިލެކްޝަނަށް 64995 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނައިން ވޯޓު ކަރުދާސް ޗާޕްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ބޭފުޅަކު ހޮވުމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް 54681 ވޯޓު ކަރުދާސް ވަނީ ޝަޕްކޮށްފައެވެ.

ޗާޕްކުރި ވޯޓުކަރުދާހުގެ ތަފްޞީލު:

• މާލެ ސިޓީ ކައުންސިލްގެ މޭޔަރ: 54681
• މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާ: 3146
• މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ: 2869
• މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ: 2976
• މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ: 1323

ޤާނޫނުގައިވާގޮތުން ކޮންމެ ފޮށްޓަކަށް ފޮނުވާނީ، އެފޮށްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

ހޮނިހިރު ދުވަހު ބާއްވާ ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކުރައްވާފައެވެ. އަދި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަންވެސް އެ ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.