ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޝިއާމެން ފްރީ ޓްރޭޑް ޒޯނަށް ޒިޔާރަތްކުރައްވައިފި


  • ފްރީ ޓްރޭޑް ޒޯނާއި ގުޅޭ މައުލޫމާތު ރައީސަށް އެރުވި

  • ފްރީ ޓްރޭޑް ޒޯންގައި މަސައްކަތް ހިނގާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި

  • ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވި

ޗައިނާގެ ފުޖިއާން ޕްރޮވިންސްގައި ހުންނަ ޝިއާމެން ފްރީ ޓްރޭޑް ޒޯނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ޝިއާމެން ފްރީ ޓްރޭޑް ޒޯނަށް ޒިޔާރަތްކުރެއްވީ، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި ޝިއާމެން ފްރީ ޓްރޭޑް ޒޯނުގެ އޮފިޝަލުން ވަނީ އެތަނާއި ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޝިއާމެން ފްރީ ޓްރޭޑް ޒޯނު ބައްލަވާލައްވައި، މުހިއްމު ކަންކަމާއި ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ޝިއާމެން ފްރީ ޓްރޭޑް ޒޯނަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި އެހެން ބައެއް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންނެވީ އެ ޤައުމުގެ ރައީސްގެ ދައުވަތަކަށެވެ.