ޚަބަރު

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމަށް ޚާއްސަ އޮތޯރިޓީއެއް އުފައްދަވަން ނިންމަވައިފި


  • މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސް އޮތޯރިޓީ އުފެއްދެވުމަށް ނިންމެވި

  • މިއޮތޯރިޓީ އުފައްދަވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން

ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކުގައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑާއިގަންނަވާ ބާރުގެ ދަށުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ. އަދި މިކަމާއި ގުޅޭ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސްޝަލް ސަރވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުން. އަދި އޮންޝޯރ ބޭންކިންގެ އޮޕަރޭޝަން ލައިސަންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން ޤަވާއިދެއް އެކުލަވާލެއްވުމަށްފަހު މިޤަވާއިދުގެ ދަށުން މި އޮތޯރިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުން. އަދި ހަމަ އެއާއިއެކު އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމްކުރުމާއި ބެހޭ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާއި ބެހޭ ބިލެއް ޑްރާފްޓްކޮށް އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދެވުން." އަބްދުﷲ ނާޡިމް ވިދާޅުވިއެވެ.

މީގެއިތުރުން އޮންލައިން ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތްތައް ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އެގޮތުން އީވޮލެޓްގެ ޚިދުމަތް ޤާއިމްކުރުމަށްޓަކައި ބީއެމްއެލް މެދުވެރިކޮށް ގިނަވެގެން ހަފްތާއެއްގެ ތެރޭގައި އެކަން ހަމަޖެއްސުމާއި، އީކޮމާސް ޕްލެޓްފޯމްއެއްކަމަށްވާ ޕޭފަލްއަށް އެމެރިކާއާއި މަޝްވަރާކޮށްގެން އެކްސަސް ހޯދުން ހިމެނޭ ކަމަށް ނާޡިމްވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސައިބަރ ސެކިއުރިޓީއާއު ގުޅޭ ޚާއްސަ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތް ކުރުމަށް ޔޫއޭއީއާއި ތުރުކީއާއިއެކު މަޝްވަރާތައް ކުރިއަށްގެންދަވާނެކަމަށްވެސްވަނީ ވިދާޅުވެފައެވެ.