އަވަށްޓެރި އިންޑިޔާއާ މެދު ނަފްރަތު އުފެދޭގޮތަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވައިގެން ނުވާނެކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހް މިހެން ވިދާޅުވެފައި މިވަނީ އިންޑިޔާއަށް ކުޑައިމީސްވާ ގޮތަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްތަކަކާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިންޑިޔާއަކީ އަބަދުވެސް ރާއްޖެއާ ރަހްމަތްތެރި ޤައުމެއްކަން ފާހަގަކުރައްވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވީ އިންޑިއާއާއެކު ޒަމާންވީ ގުޅުން ހީނަރުވާ ގޮތަށް ވާހަކަދެއްކުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިޔާއާ މެދު ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ފަތުރާފައިވާ ވާހަކަތައް ރައީސް ޞާލީހް ވަނީ ކުށްވެރިކުރައްވާފައެވެ.
ކުރީގެ ރައީސް ސާލިހުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ސަރުކާރުގެ އިސް މަޤާމްތައް އަދާކުރައްވާފައިވާ އެހެން ބައެއް ބޭފުޅުންވެސް ގެންދަވަނީ އިންޑިއާއާއި އެ ޤައުމުގެ ވެރިންނަށް ކުޑައިމީސްވާގޮތަށް ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތައް ކުއްވެރިކޮށްފައެވެ.
ދިވެހި ސަރުކާރުންވެސް ވަނީ މިކަމާއި ގުޅިގެން މިއަދު ބަޔާނެއް ނެރުއްވާފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުގެ ބައެއް އޮފިޝަލުންނަށް ވަނީ ފިޔަވަޅުވެސް އަޅުއްވާފައެވެ.