ޚަބަރު

"15 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ނިމޭނެ"


  • 28 ރަށެއްގެ މަސައްކަތް ހަވާލުކުރި

  • ނުނިމި އޮތީ 15 ރަށް

  • މީގެތެރޭގައި އޮފިޑްގެ ދަށުން ކުރިއަށްގެންދާ ރަށްތައްވެސް ހިމެނޭ

15 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ލިމިޑެޓް، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މަތީން ވިދާޅުވީ، މިއީ މިހާރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްދާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއެއްކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްމަތީން މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ ސިޔާސަތު ކަނޑައެޅުނީ 2013 ގައިކަމަށެވެ. އޭރު އެ މަސައްކަތް ކުރާނެ ކުންފުންޏެއް ނެތުމުން ރަށްރަށުގައި އެމަސައްކަތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ.

އެމްޑަބްލިއުއެސްސީއާއި 28 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާއިރު މީގެތެރެއިން މިހާތަނަށް ނުނިމިއޮތީ 15 ރަށެއް ކަމަށާއި، އެ 15 ރަށުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މަތީން ވިދާޅުވިއެވެ.

"މިހާރު ނުނިމި މިއޮތީ 15 ވަރަކަށް ރަށް. އެ 15 ރަށްވެސް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ނިމި ރައްޔިތުންނަށް އެ ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެ އިރާދަކުރެއްވިއްޔާ. އޭގެތެރޭގައި ހިމެނޭ އެއް ބަޔަކީ އޮފިޑުން އިންޓަނޭޝަނަލް ބިޑްކޮށްގެން ނަގާފައި ހުރި ރަށްތަކެއް. އަނެއް ރަށްތަކަކީ ސަރުކާރަށް ޕީއެސްއައިޕީގެ ތެރެއިން ނަގާފައި ހުރި ރަށްތައް." އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުޙައްމަދު ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ކުރަމުންދާ 15 ރަށް

* ރ.ފައިނު
* ނ.މާފަރު
* ހދ.ކުމުންދޫ
* އއ.ހިމަންދޫ
* ހއ.މާރަންދޫ
* ހއ.ތަކަންދޫ
* ހއ.ވަށަފަރު
* ޅ.އޮޅުވެލިފުށި
* ށ.ގޮއިދޫ
* ހދ.ހިރިމަރަދޫ
* އދ.ކުނބުރުދުރޫ
* ބ.ދަރަވަންދޫ
* ބ.ކެންދޫ
* ގދ.ފިޔޯރީ
* ގދ.ވާދޫ

މިހުރިހާ ރަށެއްގެ މަސައްކަތްވެސް މިއަހަރު ނިމޭނެކަމަށް އެމްޑަބްލިއުއެސްސީން ވަނީ ލަފާކޮށްފައެވެ. އަދި އެންމެ ފަހުގެ ރަށުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެކުންފުނިން ލަފާކުރައްވައެވެ.