ކުޅިވަރު

ރަށްވެހި ޗެލެންޖުގެ ޗެމްޕިއަންކަން އެސްޖީސީއަށް


ރަށްވެހި ޗެލެންޖުގެ ފައިނަލް މެޗުގައި ފަހަތުން އަރައި ސްޕޯޓްސް ކުލަބު ފަހުލަވާން (އެސްސީއެފް) ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ސުޕަ ޖެނެރޭޝަން ކުލަބު (އެސްޖީސީ) އިން ހޯދައިފިއެވެ.

ފ. ނިލަންދޫގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗު އެސްޖީސީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފަހުލަވާނުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ކީޕަރު ބޯމަތިން ބޯޅަ އޮއްސާލައިގެންނެވެ.

އެސްޖީސީން ނަތީޖާ ހަމަހަމަކޮށްފައިވަނީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި އިސްމާޢީލް އީސާ (މެސީ) ކާމިޔާބުކުރި ލަނޑެކެވެ. އަދި މި މެޗުން އެސްޖީސީ މޮޅުވި ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. ހަމްޕު މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފަހުލަވާން ޓީމުގެ ކުޅުންތެރިން ކަޓުވާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި އެންމެ ގިނަ ލަނޑުގެ ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދ. މީދޫ ފުޓުބޯޅަ ކުލަބުގެ އާލާފް އަޙްމަދެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޗެމްޕިއަން އެސްޖީސީގެ ކީޕަރު ހުޒައިލް އަބްދުލް ލަތީފް ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީއެވެ.