ސްޕެނިޝް ކަޕުގައި ރޭ އަރަންޑިނާ ބަލިކޮށް، މުބާރާތުގެ ގަދަ 16 ބުރުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ހޯދައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މުހިންމު ގިނަ ކުޅުންތެރިންތަ ނުލައި ރޭގެ މެޗަށް ރެއާލް ނުކުތްއިރު، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މި މެޗުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތުދީފައެވެ.
މި މެޗުގައި ރެއާލުން މެޗު ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފއެއް ނުވެއެވެ. މި މެޗުގައި ރެއާލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ހޯސެލޫއެވެ. އަދި ޖެހިގެން އައި މިނެޓުގައި ބްރަހީމް ޑިއާޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗުގައި ރެއާލުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބުރެޒިލުގެ ފޯވާޑް ރޮޑްރިގޯއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ރެއާލުގެ ކެޕްޓަން ނަޗޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑާއެކު އަރަންޑިނާއިން ވަނީ ފަރަގު ކުޑަކޮށްފައެވެ.
މި މޮޅާއެކު ސްޕެނިޝް ކަޕުގެ ގަދަ 16 ބުރަށް ރެއާލް ދަތުރުކުރިއިރު، އެ ބުރުގެ ގުރުއަތުލުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ގަދަ 16 ބުރުން ޖާގަ ހޯދާފައިވާ ޓީމުތަކަށް ބަލާލާއިރު ޑިޕޯޓިވޯ އަލަވޭސް، އެތުލެޓިކޯ މެޑްރިޑް، ގެޓާފޭ، ޖިރޯނާ އަދި ރަޔޯ ވަޔެކާނޯ ހިމެނެއެވެ.