ޚަބަރު

އިނގުރައިދޫ ދާއިރާގެ މެންބަރު ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވައިފި


  • ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ހުންނަވާނެ ކަމަށް ވިދާޅުވި

  • އެމްޑީޕީގެ އިތުރު 13 މެންބަރަކު ވަނީ ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވާފައި

  • މަޖިލީހުގައި ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 16 އަށް

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް ސޮއިކުރައްވައިފިއެވެ.

މެންބަރު ހަސަން ވަނީ ކޮންގްރެސް ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ފޯމު އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ހަވާލުކުރައްވާފައެވެ.

ޕާޓީ ބަދަލުކުރެއްވިކަން ހާމަކުރައްވައި ހަސަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޢިއްޒުއާއެކު ކުރިއަށްދިއުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު އެ ޕާޓީގައި ހުންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ހަސަން ކުރިން ހުންނެވީ އެމްޑީޕީގައެވެ. އޭނާ ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވާފައިވާއިރު ދާދިފަހުން އެމްޑީޕީގެ 13 މެންބަރަކު ވަނީ ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވާފައެވެ.

ހަސަންއާއެކު މަޖިލީހުގައި ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު 16 އަށް އިތުރުވާނެއެވެ. އަދި އެމްޑީޕީ މެންބަރުންގެ އަދަދު 41 އަށް ދަށްވާނެއެވެ.