ޚަބަރު

ރާއްޖެ ސަރަހައްދުން ދަތުރުކުރި ޓޭންކަރުތަކަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވޭ: އެމްއެންޑީއެފް


  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިފަދަ ހާދިސާއެއް ހިންގާފައިވާ ކަމުގެ ރިޕޯޓެއް ނުލިބޭ

  • މަޢުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށްވެސް މިފަދަ ރިޕޯޓެއް ލިބިފައިނުވޭ

  • މިކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވޭ

ރާއްޖެ ސަރަހައްދުން ދަތުރުކުރި ޓޭންކަރުތަކަކަށް ހަމަލާދީފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މިކަން ހާމަކުރައްވާފައިމިވަނީ ރާއްޖޭ ސަރަހައްދުން ދަތުރުކުރި އިސްރާއީލާއި ގުޅުން އޮތް ދެ ތެޔޮ ޓޭންކަރަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނިކޮށެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިފަދަ ހާދިސާއެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިޚަބަރުގައިވާ ބައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖެއާއި ދުރުން ހިނގާފައިވާ ހާދިސާތަކުގެ މަޢުލޫމާތާއި ފޮޓޯކަން އެނގިފައިވާކަމަށެވެ.

އަދި މިފަދަ ކަމެއް ހިންގިކަމުގެ އެއްވެސް އިންޑިކޭޝަނެއް ފެންނަން ނެތުމާއި، މަޢުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށްވެސް އެފަދަ ރިޕޯޓެއް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާތީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރާ ޚަބަރަކީ ޞައްޙަ ޚަބަރެއްނޫންކަމަށް ބެލެވޭ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަދިވެސް މިކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.