ޚަބަރު

ޕީއެސްއެމުން އިންތިޒާމްކުރި މާލޭ މޭޔަރު ބަހުސް ބާއްވައިފި


  • ޕީއެސްއެމުން ބޭއްވި މާލޭ މޭޔަރ ބަހުސްގައި 5 ކެންޑިޑޭޓުންވެސް ބައިވެރިވި

  • 7 ދާއިރާއަކުން މާލެއަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ސުވާލުކުރި

  • މިއީ ހުރިހާ ކެންޑިޑޭޓުން ބައިވެރިވި ހަމައެކަނި ބަހުސް

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ޕީއެސްއެމުން "މާލޭ މޭޔަރު 2024"ގެ ނަމުގައި ބަހުސެއް ބާއްވައިފިއެވެ.

މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ 5 ކެންޑިޑޭޓުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މިބަހުސްގެ މަޤްސަދަކީ މޭޔަރުކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ ތަސައްވުރާއި ދާއިރާއަށް ކޮށްދެއްވުމަށް ކަނޑައަޅުއްވާފައިވާ ކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ތިލަކޮށްދެއްވުމުގެ ފުރުސަތު ހަމަހަމަ އުސޫލުން ގެނެސްދިނުމެވެ. މިބަހުސްގައި މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން މާލެއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރެއްވުމުގައި އެބޭފުޅުން ގެންގުޅުއްވާނެ ތަސައްވުރު ކެންޑިޑޭޓުންވަނީ ހާމަކުރައްވާފައެވެ.

އެގޮތުން މާލޭގައި އޮތް ޓްރެފިކްގެ މައްސަލަ ހައްލުކުރުމާއި، ދަފްތަރުގައި ތިބި މާލޭގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމާއި، ބޮއްސުންލައިގެން ގޮސްފައިވާ ބިދޭސީންގެ މައްސަލައާއި، މާލެ ތެރޭގައި ގިނަވެފައިވާ ބުޅަލުގެ މައްސަލައާއި، މާލެއަކީ އަމާންތަނަކަށް ހެދުމާއި، މާލެ ސިޓީ ކައުންސިލާއި ސަރުކާރާއި ދެމެދު ޖެހޭ މައްސަލަތަކުގައި ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތް ނުލިބި ދިމާވާ އެކި ދަތިތަކުގެ މައްސަލަތައް ހައްލުކޮށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެ ގޮތާއި ގުޅޭގޮތުން ބަހުސްގައިވަނީ ސުވާލުކޮށްފައެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް ބޭފުޅަކު ހޮވުމަށް ބައި އިލެކްޝަން ބާއްވަނީ އެމަޤާމުގައި ކުރިން ހުންނެވި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އެމަގާމު ހުސްވުމުންނެވެ. މޭޔަރުގެ އިތުރުން ސިޓީ ކައުންސިލުގެ އިތުރު 3 ގޮނޑިއެއްވެސް ވަނީ ހުސްވެފައެވެ. އެ ގޮނޑިތަކަށް މެންބަރުން އައްޔަން ކުރާނީ ވެސް މިމަހުގެ 13 ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަނުގައެވެ.

މާލޭ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން:

* ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ / އަމިއްލަގޮތުން
* ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު / އަމިއްލަގޮތުން
* ކެންޑިޑޭޓް ނަންބަރު 3: އައިޝަތު އާޒިމާ ޝަކޫރު / ޕީއެންސީ
* ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް / އެމްޑީޕީ
* ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް