ޚަބަރު

އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގައި ތާރުއަޅަން ފަށައިފި


  • މޫސުން ތަންދޭނަމަ ތާރުއެޅުމުގެ މަސައްކަތް މާދަމާ މެންދުރަށް ނިމޭވަރުވާނެ

  • މަގުގެ ނިޝާންތައް ކުރަހާ ނިމި ކުރިއަށްއޮތް ހަފްތާ ތެރޭގައި އާއްމުންނަށް ހުޅުވާލެވޭނެ

އަމީނީ މަގުގެ ފަހު 2 ސެގްމަންޓްގެ ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން އާރްޑީސީން ބުނީ، މޫސުން ތަންދޭނަމަ، އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ. އާރްޑީސީން ބުނީ ފަހު ދެ ސެގްމަންޓްގެ ތާރުއެޅުމަށްފަހު، މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރަހާ މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު، އަމީނީމަގު އާއްމުންނަށް ހުޅުވަލާނެކަމަށެވެ.

2022 ވަނަ އަހަރުގެ އޯގަސްޓް މަހު ޢަމަލީ މަސައްކަތް ފެށި އަމީނީމަގުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ނުނިމިވަނީ ދިގުލައިގެން ގޮސްފައެވެ. 13 ސެގްމަންޓަށް ބަހާލައިގެން ފެށި އަމީނީ މަގުގެ މަސައްކަތުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް ކުރިއަށްގެންދަނީ ކުރީގެ 11 ސެގްމަންޓަށްވުރެ ފުޅާކޮށް ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ޢިއްޒުއްދީން މަގު ހައުސިންގ މިނިސްޓްރީ ކައިރިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކޮމްޕްލެކްސްއާ ހިސާބަށް އަމީނީ މަގުގެ މަސައްކަތްދަނީ ކުރަމުންނެވެ. ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް މަގުގެ މަސައްކަތް އެއްކޮށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަސައްކަތް މެދުކަނޑާލަން ޖެހުމުން މަސައްކަތްވަނީ މިދުވަހަށް ނުނިމިއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން އަމީނީމަގުގެ ހެންވޭރު ކޮޅުން ފެށިގެން މާފަންނު ކޮޅާއި ހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރެވޭނެއެވެ.