ޚަބަރު

މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް ސްޕީކަރސް ކޮންފަރެންސްގައި ހިއްސާކުރައްވައިފި


  • މަޖިލީހުގެ ރައީސްވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައި

  • ރާއްޖެއިން ނެޓްޒީރޯއަށް ކުރާ މަސައްކަތްތައްވެސް އަސްލަމްވަނީ ހިއްސާކުރައްވާފައި

  • ޔުގަންޑާއާއި ސްރީލަންކާގެ މަޖިލީސް ރައީސުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވި

މޫސުމީ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް، ޔޫގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ 27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތުގައި ހިއްސާކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ދިވެހި ރާއްޖޭގެ ތިމާވެށި މިހާރު އޮތް ޙާލަތަށް އަލިއަޅުއްވާލައްވަމުން ރާއްޖެއަކީ ދުނިޔޭގެ މޫސުމަށާއި ކަނޑުގެ ދިޔަވަރަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރާނެ އެއް ޤައުމުކަން ފާހަގަ ކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓަށް ލިބޭ ގެއްލުމާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކާއި، އެފަދަ މަސައްކަތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަސްލަމް އަލިއަޅުވާލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްގެ ވާހަކައިގައި ތިމާވެށި ރައްކާތެރި ކުރުމަށާއި، 2030 ވަނަ އަހަރު ނެޓް ޒީރޯ ޤައުމަކަށް ވުމަށް ރާއްޖެއިން ކުރަމުންދާ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފާހަގަ ކުރައްވައި، މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާގުޅޭ ކޮމިޓީގެ މަސައްކަތްތައްވެސް ހިއްސާކުރެއްވިއެވެ.

މިކޮންފަރެންސްގެ ހަވާސާގައި އަސްލަމްވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދާނާ އާ ބައްދަލު ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސްވަނީ ސްރީލަންކާއާއި ރާއްޖެއާއި ދެމެދު އޮތް 50 އަހަރުވީ ސިޔާސީ ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ދެޤައުމުގެ ގުޅުން ދެމެހެއްޓުމަށް އެކިދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

އަސްލަމްވަނީ ޔޫގަންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަނީތާ އަމޮންގްއާ ވެސް ބައްދަލުކުރައްވައި ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޔުގަންޑާއަށް ވަޑައިގަތީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.