ސިއްހަތު

އައިޖީއެމްއެޗްގެ ޚިދުމަތްތައް ފުޅާކޮށް، ކުރިއަރުވަނީ!


އައިޖީއެމްއެޗަކީ އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދާ ތަނެކެވެ. އެ ހޮސްޕިޓަލުން ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް މިހާރަށްވުރެ ތަރައްޤީކުރައްވައި، އާ ޚިދުމަތްތަކެއް ތަޢާރަފްކުރެއްވުން އެއީ މިހާރު އައިޖީއެމްއެޗްގެ އެއް އަމާޒު ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ.

އައިޖީއެމްއެޗް ކުރިން ހިންގަމުން އައީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗްގެ ހިންގުން ވަނީ ގަވަރނިނގް ބޯޑެއްގެ ދަށަށް ބަދަލްކުރައްވާ، ހިންގަވަން ފައްޓަވާފައެވެ. އައިޖީއެމް ހޮސްޕިޓަލުގެ ހިންގުމަށް ބަދަލުއައިތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވާއިރު އައިޖީއެމްއެޗް ތަރައްޤީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ވަނީ ފައްޓަވާފައެވެ. ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ހިންގާ ޕްރޮޖެކްޓްތަކުގެ އެންމެ މުހިއްމު އެއްކަމަކީ 25 ބުރީގެ އިމާރާތެއް އެޅުއްވުމެވެ. މި އިމާރާތުގެ 6 ފަންގިފިލައެއް ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ހިންގެވުމަށް ޚާއްސަކޮށްފައިވާއިރު، މި އިމާރާތް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގުބޮޑު އިމާރާތަށެވެ.

އައިޖީއެމްއެޗްގެ އައު އިމާރާތް 2018 ވަނަ އަހަރު ނިންމައި ޚިދުމަތް ދޭން އަމާޒު ހިފާފައިވާއިރު، މި އިމާރާތް ނިމުމުން ސަރުކާރުގެ އަމާޒުކަމަށްވާ 500 އެނދުގެ ޓަރޝަރީ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވެގެންދާނެއެވެ. އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ އައިޖީއެމްއެޗް މިހާރު ހިންގަމުންދާ އިމާރާތުގެ އެންމެ ތިރިން ފެށިގެން ފުރާޅާ ހަމައަށް އާބާތުރަ ފިލުވުމުގެ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ގެންދަވާ ކަަމަށާ، އައިޖީއެމްއެޗް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް 3 ދާއިރާއަކަށް ބައްސަވައިލައްވާފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. އެއީ އިންފްރަސްޓްރަކްޗަރ ތަރައްޤީ ކުރުމާއި، ޚިދުމަތް އިތުރަށް ފުޅާކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމާއި، އައު ޚިދުމަތްތައް ތަޢާރަފް ކުރެއްވުން ހިމެނެއެވެ.

މިހާރު އައިޖީއެމްއެޗްގައި ކުރިއަށްދާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހިތުގެ ބަލިތަކަށް ޚާއްސަ ކްލިނިކް، ކެތްލެބްގެ ޤާއިމްކުރުމުގެ މަސައްކަތުގައި މި ލެބް ހިންގުމަށް ބޭނުންވާ އިމާރާތް ނިމި ޚިދުމަތްދޭން ބޭނުންވާ އެހެނިހެން ތައްޔާރީތައް ދަނީ ވަމުންނެވެ. ކިޑްނީގެ ބަލިތަކަށް ފަރުވާދޭ ކްލިނިކްގެ މަސައްކަތް ފެށުމަށް އިންޑިއާގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމަކާއި ހަމައަށް ވަނީ އައިސްފައެވެ. ކެންސަރު ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށްގެން ކީމޯ ތެރަޕީ ސުއިޓެއް ވަނީ ގާއިމްކުރައްވާފައެވެ.

މީގެ އިތުރުން 9 އަހަރުގެ މެދުކެނޑުމަކަށްފަހު ނިއުރޮލޮޖީ އަދި ނިއުރޯ ސަރޖަންއެއްގެ ޚިދުމަތް އެ ހޮސްޕިޓަލުން ވަނީ ދޭން ފަށާފައެވެ. ލެބޯޓްރީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެހެން ލެބޯޓްރީ އޭރިއާ އައިޖީއެމްއެޗުން ވަނީ ތަރައްޤީ ކޮށްފައެވެ. ދޮޅު އަހަރުގެ ތެރޭގައި އައިޖީއެމްއެޗަށް އައިސްފައިވާ ބަދަލުތައް ރައްޔިތުން ބަލައިގަންނަ ކަމަށް އައިޖީއެމްއެޗުން ދެކެއެވެ. އައިޖީއެމްއެޗްގެ އަމާޒަކީ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ފަހުގެ ޒަމާނީ ސިއްޚީ ޚިދުމަތް ހެޔޮ އަގެއްގައި ދިނުން ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ.