ޚަބަރު

ޢިރާޤުގައި ތިބި އެމެރިކާ ސިފައިން ބާލަން ތައްޔާރު ވަނީ


ޢިރާޤުގައި ހަރަކާތްތެރިވާ އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުގެ ސިފައިން އެ ޤައުމުން ބޭލުމަށް ތައްޔާރުވަމުންދާ ކަން އެ ޤައުމުން ހާމަކޮށްފިއެވެ. އެ ކަން އިޢުލާނު ކުރައްވާފައި ވަނީ އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސުދާނީއެވެ. އޭނާ ވިދާޅުވީ، އެ ޤައުމުގައި ތިބި އެމެރިކާ ސިފައިން ބޭލުމާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލައްވާނެ ކަމުގައެވެ.

ސުދާނީ އެ ކަން ހާމަ ކުރައްވާފައި ވަނީ، އެމެރިކާއިން ޢިރާޤުގެ ވެރިރަށް ބަޣްދާދަށް ޑްރޯން ޙަމަލައެއްދީފައިވާ ދަނޑިވަޅެއްގައެވެ. އެ ޙަމަލާގައި އެ ޤައުމުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ އަލް-ނަޖްބައުގެ ހަތަރު މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި އެ ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ އަބޫ ތަޤްވާ އަލް-ސަޢީދީ ހިމެނެއެވެ. އެ ޙަމަލާގައި އިތުރު ހަ މީހަކު ޒަޚަމުވެފައިވާ ކަމުގައި ޢިރާޤުން ބުނެެއެވެ.

އެމެރިކާގެ ޑްރޯން ޙަމަލައާ ގުޅިގެން އެ ޤައުމުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ އެމެރިކާ ސިފައިން އެ ޤައުމުން ބޭލުމަށް ގޮވައިލާ، ސަރުކާރަށް ބާރުއަޅަން ފަށާފައެވެ. އެ ކަމާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ޢިރާޤުގައި ޙަރަކާތްތެރިވާ ބައިނަލްއަޤުވާމީ ލަޝްކަރުގެ ސިފައިން ބޭލުމާ ގުޅޭ ގޮތުން ދޭދޭ މަޝްވަރާތައް ފެށުމަށް ތާރީޚެއް ކަނޑައަޅާނެ" ކަމުގައެވެ.

ބޭނުމަކީ، ބައިނަލްއަޤުވާމީ ލަޝްކަރުން ޢިރާޤުގައި ހިންގާ އަސްކަރީ ޙަރަކާތަށް ދާޢިމީ ނިމުމެއް ގެނައުން ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެެއެވެ. އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކޮމިޓީއެއް އެކުލަވައިލަން ނިންމާފައިވާއިރު، އެ ކޮމިޓީގައި އެމެރިކާއާއި ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ ޤައުމުތަކުގެ އަސްކަރީ ބޭފުޅުން ހިމެނޭނެ ކަމުގައި ޢިރާޤުން ބުނެއެވެ.

އައިއެސްއާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޢިރާޤުގައި އެމެރިކާގެ 2,500 ސިފައިންގެ ލަޝްކަރެއް ހަރަކާތްތެރިވެއެވެ. އަދި، ސޫރިޔާގައި ވެސް އެމެރިކާގެ 900 އެއްހާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އައިއެސްއާ ދެކޮޅަށް އަސްކަރީ ޙަރަކާތެއް ފަށާފައި ވަނީ 2014 ވަނަ އަހަރު އެ ޖަމާޢަތުން ޢިރާޤާއި ސޫރިޔާގެ ބިންތަކަށް އަތްގަދަ ކުރުމުންނެވެ.