ޚަބަރު

ޑްރަގާ ދެކޮޅަށް ސްރީ ލަންކާގައި ހިންގާ ޙަރަކާތުގެ ދަށުން އެއްގަމު އުޅަނދުފަހަރު ބަލައިފާސްކުރަނީ


ސްރީ ލަންކާގައި މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ފަށާފައިވާ ޚާއްޞަ ޙަރަކާތުގެ ދަށުން އެއްގަމު އުޅަނދުފަހަރު ބަލައިފާސްކުރަން ފަށާފައިވާ ކަމުގައި އެ ޤައުމުގެ ފުލުހުން ބުނެފިއެވެ. މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވަން ސްރީ ލަންކާގައި ޔުކްތިޔާގެ ނަމުގައި ހިންގަމުންދާ ޙަރަކާތުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.

ސްރީ ލަންކާގެ ފުލުހުން ބުނީ އެ ޙަރަކާތުގެ ދަށުން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ވަކި ސަރަޙައްދުތަކެއްގައި އެއްގަމު އުޅަނދުފަހަރު ބަލައިފާސްކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނޭ ވެރިރަށް ކޮލަމްބޯއާއި ކެންޑީގެ އިތުރުން ކޮލަމްބޯއާއި ނެގޮމްބޯ ގުޅޭ މައި މަގު ހިމެނެއެވެ. އެ ޙަރަކާތުގެ ދަށުން އެ ދެމެދުގައި ދަތުރުކުރާ ބަސްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ދުއްވާ އުޅަނދުފަހަރު ބަލައިފާސްކުރާނެ ކަމުގައި ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ސްރީ ލަންކާގައި ޚާއްޞަ ޙަރަކާތެއް ފަށާފައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު 17 ވަނަ ދުވަހުއެވެ. މި ޙަރަކާތުގެ ދަށުން މިހާތަނަށް 23,000 ތަނަކަށް ރޭޑު ޖަހައި 25,000 އަށްވުރެ މީހުން ހައްޔަރު ކޮށްފައިވެއެވެ. އެއްގަމު އުޅަނދުފަހަރު ބަލައިފާސް ކުރުމަށް މިހާރު ހިންގަމުންދާ ޙަރަކާތުގައި ޝައްކު ކުރެވޭ މީހުންގެ ގެދޮރަށް ރޭޑު ޖަހާނެއެވެ.

ޖަނަވަރީ 5 ވަނަ ދުވަހު އެކަނި ވެސް 1,184 މީހުން ހައްޔަރު ކޮށްފައިވެއެވެ. ޢަދި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި 337 ގްރާމްގެ ހެރޮއިނާއި، 242 ގްރާމްގެ އައިސް، އަދި 6.6 ކިލޯގެ ކެނިބިސްގެ އިތުރުން މަސްތުވުމާ ބޭނުން ކުރާ 1,221 ގުޅަ އަތުލައިގަނެފައިވާ ކަމުގައި ފުލުހުން ބުންޏެވެ.

ސްރީ ލަންކާއަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި މަސްތުވާތަކެތީގެ ވަގުފާރި ކުރާ ފަރާތްތަކުން މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ޤައުމެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި އެއީ މަސްތުވާތަކެތީގެ ވަގުފާރީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ވެސް ބައެއް މާހިރުން ސިފަ ކުރެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް އެ ޤައުމުގެ ފުލުހުން ހިންގަމުންދާ ޚާއްޞަ ޙަރަކާތުގައި އެ ވިޔަފާރީގައި ޝާމިލުވާ މީހުންގެ ގިނަ ޢަދަދެއްގެ މުދާ ވެސް ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި އަގުބޮޑެތި ވެހިކަލްތަކާއި އެ މީހުންގެ ގެދޮރު ވެސް ހިމެނެއެވެ.