ޚަބަރު

20 އަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލައި ޤާނޫނީ ބާރުވެރިކަން ދެނީ


  • މާސްޓަރ ޕްލޭނަކީ ރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭނެއް

  • ޤާނޫނީ ބާރުވެރިކަން ދިނުމަށް ޚާއްޞަ ޤާނޫނެއް ފާސްކުރާނެ

  • އިޤްތިޞާދީ ގިނަ ހަރަކާތްތަކެއް ހިންގާނެ

  • ރީ-އެކްސްޕޯޓް ޒޯނެއް ޤާއިމްކުރާނެ

ކުރިއަށް އޮތް 20 އަހަރަށް ރާއްޖެ ތަރައްޤީކުރާނެ ގޮތުގެ މާސްޓަރ ޕްލޭނެއް ހަދައި، ޤާނޫނީ ބާރުވެރިކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢު ފަށްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވީއައިއޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި މަޝްރޫޢުއަކީ ރައްޔިތުންގެ އުންމީދުގެ ފެށުންކަމަށް ސިފަކުރައްވާފައެވެ. ރައީސް ވިދާޅުވީ ވީއައިއޭގެ މަޝްރޫޢު ދިވެހީންގެ ރާއްޖޭގެ ތަސައްވުރަށް ހަދާނެކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރިތައް އެތައް ގުނައަކަށް ކުރިއަރައިގެންދާނެ މަޝްރޫޢުއެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢޫތަކާއެކު އައު މަސައްކަތްތަކެއްވެސް ފަށްޓަވާނެކަމަށެވެ.

އެގޮތުން މުޅި ރާއްޖެ ތަރައްޤީކުރުމަށް އެމަނިކުފާނުގެންގުޅުއްވާ ތަސައްވުރުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށް، އެކަމަށް ޚާއްޞަ ޤާނޫނެއްގެ ދަށުން އެޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ޕްލޭނަކީ އިޤްތިޞާދު ކުރިއެރުމުގެ މާސްޓަރ ޕްލޭނާއި އިޖްތިމާޢީ ކުރިއެރުމުގެ މާސްޓަރ ޕްލޭން ހިމެނޭ ގޮތަށް ވަށާޖެހޭ، ފުރިހަމަ މާސްޓާ ޕްލޭނަކަށް ވެގެންދާނެކަމަށެވެ. އެއީ ކުރިއަށް އޮތް 20 އަހަރަށް ދިވެހީން ދާން ބޭނުންވާ މިސްރާބު ކަނޑައަޅާ ޕްލޭނެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުން މިހާރު ވެސް އެއްބާރުލުން ލިބޭ ނަމަ، މަޖިލީހުން ފާސް ކުރަންޖެހޭ ގާނޫނު ފާސްކުރެވޭނެމަ އެކަމަށް ދެން ބޭނުންވާ ފުރިހަމަކަން ލިބިގެންދާނެ. އެހެންވީމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ޚާއްޞަ ޤާނޫނެއް އަޅުގަނޑުމެން އިރާދަކުރެއްވިއޔާ ފާސްކުރާނަން. " ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެނޫންވެސް އެތައް ގިނަ މަޝްރޫޢުތަކެއް ފެށިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގުޅިފަޅުގައި ހަދަން ނިންމާފައިވާ ވިޔަފާރި ބަނދަރު އެތަނަށް އެކަށީގެންވާކަމަކަށް ނުވާތީ، ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

"ތިލަފުށީގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމްކުރާނީ އިންތަރނޭޝަނަލް ފުރިހަމަ ކޮމާޝަލް ޕޯޓު. އެތަނަށް އެ ގެނެވޭ ޑިވެލޮޕްމަންޓަކީވެސް އިރާދަކުރެއްވިއްޔާމު މި އެއަރޕޯޓު ޑިވެލޮޕްމަންޓާއި ހުރިހާކަމެއް ގުޅިލާމެހިގެންދާއިރު އަޅުގަނޑުމެން މި ތަސްވުރުކުރާގޮތަށް ރައްޔިތުން އެންމެ އެދޭގޮތަށް ޤާއިމްކުރެވިގެންދާ އިޤްތިޞާދީގޮތުން ހުޅުވިގެންދާ ވަރަށް ފުޅާ ދޮރާއްޓެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ތިލަފުއްޓާއި އެސަރަހައްދުގައި ހިއްކާ އެހެން ބިންތަކުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ގެދޮރުވެރިކަމާ ބޯހިޔާވަހިކަމަށް ބޭނުންވާ ހުރިހާ ކަމެއް ޤާއިމްކުރައްވާނެކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ. އަދި އިތުރަށް ހިއްކާ ބިމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީ ޤާއިމްކޮށް، އެ ކުންފުނީގެ މަސައްކަތަށް 100 ހެކްޓަރުގެ ބިން ކަނޑައަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ ރާއްޖެއަށް ބޭނުންވާ ހުރިހާ މެޓީރިއަލެއްކަމަށްވާ ޢިމާރާތްކުރުމުގެ ސާމާނާއި ކާބޯތަކެތި ހިމެނޭހެން ރާއްޖޭގެ އުފެއްދުންތެރިކަމަށް އަދި ރީ އެކްސްޕޯޓު ކުރުމަށް ޚާއްޞަ ތަނެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެތަނަކީ ރީ-އެކްސްޕޯޓް އިންޓަރނޭޝަނަލް އެސްއީޒެޑަށް ހަދާނެކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ރާވާފައިވާކަމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.