ޚަބަރު

ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެސިޓީ ކައުންސިލަށް ބަދަލުކޮށް އެއްބަސްވުމެއް އެކުލަވާލައިފި


  • ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރީ މިމަހު

  • މުވައްޒަފުންނާއި ވަސީލަތްތައްވެސް ސިޓީ ކައުންސިލަށް ބަދަލުވި

ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި މާލީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.މުޙައްމަދު ޝަފީޤެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ޢަބްދުލްރަޝީދެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ މޭޔަރ އަޙްމަދު ނަރީޝްއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި މިއީ ރައީސްގެ ހަފްތާ14ގެ ދަށުން ކުރުމަށް ނިންމަވާފައިވާ އެއް މަސައްކަތްވެސްމެއެވެ. ހުޅުމާލޭ މުނިސިޕަލް ޚިދުމަތް މާލެ ސިޓީގެ ދަށަށް ބަދަލުކުރައްވާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިކަން ރަސްމީ ސިފައެއްގައި ކުރުމަށްޓަކައި މިއަދުވަނީ އެމްއޯޔޫއެއްގައި ސޮއިކުރައްވާފައެވެ.

މިމަޝްރޫޢުގެ ދަށުން ސަރުކާރުންވަނީ މުނިސިޕަލް ޚިދުމަތްދޭ އޮފީހާއި މެޝިނަރީތަކާއި ބިންތަކާއި މުވައްޒަފުންނާއި އެހެނިހެން ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކޮށް ނިމޭނެކަމަށް ވިދާޅުވެފައެވެ. އަދި މިޚިދުމަތް ދިނުމަށްޓަކައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރާ ކުރިން ލިބެމުން އައިހެން އެއް އަހަރު ދުވަހަށް ލިބޭނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިވުމާއި ގުޅޭ ކަންކަން މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ބަލަހައްޓަމުންދަނީ މާލެ ސިޓީ ކައުންސިލުންނެވެ. މިއީ ޤާނޫނުގައި ބަޔާންކުރާގޮތުން މިކަން އޮންނަންޖެހޭ ގޮތްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ކުރިން އެކަން ކުރަމުން އައީ އެޗްޑީސީންނެވެ.