ޚަބަރު

ސިވިލް ކޯޓުގައި 3 އަހަރަށްވުރެ ގިނަދުވަސްވީ އޮތީ 2 މައްސަލަ


ސިވިލް ކޯޓަށް ހުށައެޅި ތިންއަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލަ ފިޔަވައި ހުރިހާ މައްސަލެއް ނިންމަވާފައިވާކަމަށް ސިވިލް ކޯޓުން ހާމަކުރައްވައިފިއެވެ.

މިއީ ސިވިލް ކޯޓް ވުޖޫދަށް އައުމަށްފަހު މިހާތަނަށް ޙާޞިލްކުރެއްވިފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއްކަމަށް ސިވިލްކޯޓުން ސިފަކުރައްވައެވެ. ސިވިލްކޯޓަށް ހުށައެޅި ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމެވުމާއި، އެކޯޓަށް ހުށައެޅޭ މައްސަލަތައް ވީއެންމެ އަވަހަކަށް ނިންމެވުމަށް ގެންގުޅުއްވާ ސިޔާޞަތުގެ ދަށުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަސް ނިމުނުއިރު އެކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާ އަޅައިބަލާއިރު ދަށްކުރެވިފައިވާ ކަމަށް ސިވިލް ކޯޓުން ހާމަކުރައްވައެވެ. މި އަހަރުގެ ފުރަތަމަ 3 މަސްދުވަހަށް ސިވިލް ކޯޓުން ޢަޒުމް ކަނޑައަޅުއްވައިފައިވަނީ އެކޯޓަށް ހުށައެޅި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސް ނިމުނުއިރު އެކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ގޮތެއް ކަނޑަނޭޅި 3 އަހަށްވުރެ ގިނަދުވަސްވެފައި އޮތީ 2 މައްސަލަކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ.

މިއާއެކު 2016 ވަނައަހަރުގެ ފުރަތަމަ 3 މަސްދުވަހަށް އެކޯޓުން ކަނޑައަޅުއްވައިފައިވާ ލަނޑުދަނޑި ޙާޞިލްކުރެއްވިފައިވާކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރު ނިމުނުއިރު ސިވިލްކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ނިސްބަތަކީ 1 އިންސައްތައެވެ. އެހެންނަމަވެސް މިހާރު އެކޯޓުގައި 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލައެއް ނޯންނާނެކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ. 2015 ވަނައަހަރުގެ ތެރޭގައި ސިވިލްކޯޓަށް ހުށައެޅުނު މައްސަލައިގެ ޢަދަދަކީ 2377 އެވެ. މިމައްސަލަތަކުގެ ތެރެއިން 96 އިންސައްތަ އެއަހަރުގެ ތެރޭގައި ވަނީ ނިންމަވާފައެވެ. އެއީ 2283 މައްސަލައެވެ.

ސިވިލްކޯޓުން މި އަހަރުގެ 2 ވަނަ 3 މަސްދުވަހަށް އަމާޒުކުރައްވައިފައިވަނީ އެކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 1 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އެއްވެސް މައްސަލައެއް ނޯންނާނެ މިންވަރަށް ޝަރީޢަތްތައް ކުރިއަށް ގެންދެވުމެވެ. އަދި މި އަހަރު ނިމިގެންދާއިރު 8 މަސްދުވަހަށްވުރެ ގިނަދުވަސްވެފައިވާ ހުރިހާ މައްސަލައެއް ނިންމަވައި، އެއްވެސް ޤާޟީއެއްގެ ޙަވާލުގައި 40 މައްސަލައަށްވުރެ ގިނަ މައްސަލަ ނުހުންނާނެގޮތަށް މަސައްކަތް ކުރެއްވުމަށް އެ ކޯޓުން ވަނީ ޢަޒުމް ކަނޑައަޅުއްވާފައެވެ.

ވޭތުވެދިޔަ އަހަރު ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި، މައްސަލަތައް ނިންމެވުން އަވަސް ކުރެއްވުމަށް، ޝަރުޢީ ކޯޓްތަކުގެ ބެލެނިވެރި ފަރާތް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ދަށުކޯޓުތަކުން ނިންމަވާ ނިންމެވުންތައް އިސްތިޢުނާފަށް ހުށައަޅުއްވަންޖެހޭ މުއްދަތު ވަނީ ކުޑަކުރައްވާފައެވެ. ޚާއްޞަގޮތެއްގައި ޝަރުޢީ ކޯޓުތަކަށް ހުށައެޅި ގިނަދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމެވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އަޅުއްވާފައެވެ.