ޚަބަރު

ރާއްޖޭގެ ސިވިލް އިންޖިނޭރުންނަށް ބްރިޖްގެ މަސައްކަތް ދައްކާލުން


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚްގައިވެސް ކުރިއަށް ގެންދެވޭ ސިވިލް އިންޖިނިއަރިންގެ އެންމެ ބޮޑު މަސައްކަތެވެ. މި މަޝްރޫޢުން ރާއްޖޭގެ އިންޖިނިއަރުންނަށް ތަޖުރިބާތަކެއް ޙާޞިލްވުމަކީ، ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެކެވެ.

މާލެއާއި ހުޅުލެއާއި ދެމެދު އަޅުއްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާއިރު، ރާއްޖޭގެ ސިވިލް އިންޖިނިއަރުންނަށްވެސް އުފާވެރި ޚަބަރެއް އެބައޮތެވެ. އެއީ ބްރިޖްގެ ޢަމަލީ މަސައްކަތުގެ ތަޖުރިބާ ލިބި، ބްރިޖެއް ބިނާ ކުރުމުގެ ގޮންޖެހުން ބޮޑު މަސައްކަތްތައް ކައިރިން ބަލާލުމުގެ ފުރުޞަތު ލިބިގެންދިއުމެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން، ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖްގެ ތަޖުރިބާތައް ދިވެހި ސިވިލް އިންޖިނިއަރުންނަށް ލިބިދިނުމަކީ، ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމަށެވެ. ބްރިޖްގެ ޑިޒައިން މަސައްކަތުން ފެށިގެން ޢަމަލީ މަސައްކަތާ ހަމައަށްވެސް، މިކަމުގައި ހަރަކާތްތެރިވާ ސިވިލް އިންޖިނިއަރުންގެ ޓީމަކީ، ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޓީމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ޓީމުގެ ތަޖުރިބާތައް ގާތުން ބަލާލުމުގެ ފުރުޞަދު ދިވެހި ސިވިލް އިންޖިނިއަރުންނަށް ލިބުމަކީ ރާއްޖެއަށް ލިބިގެންދާ ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. އަދި ބްރިޖްގެ ކޮންޓްރެކްޓަރ ޗައިނާގެ، ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން އަކީ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެކެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ތަޖުރިބާ ހޯދުމަށް ދިވެހި ސިވިލް އިންޖިނިއަރުންނަށް ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށެވެ. މިއީ ބްރިޖްގެ ޑިޒައިނަށާއި، ބްރިޖްގެ މަސައްކަތްތަކަށް ފާޑުކިޔުމަށް ހުޅުވާލެވޭ ދޮރަކަށްވުރެ، ދުނިޔޭގެ ފެންވަރުގެ ބައެއްގެ ކައިރިން އެއްޗެއް ދަސްކުރުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ ޢަމަލީ މަސައްކަތްތައް ފެށިގެން ބާރަށް ކުރިއަށްދާއިރު، މިހާރު ކުރިއަށްދާ މަސައްކަތަކީވެސް ކުޑަ މަސައްކަތެއް ނޫނެވެ. މިހާރު ކުރިއަށްދަނީ ބްރިޖްގެ ތަނބު ޖެހުމަށް ބޭނުންވާ ފައުންޑޭޝަންތައް އެޅުމަށް ބޭނުންވާ ޕްލެޓްފޯމްތައް ހެދުމުގެ މަސައްކަތެވެ. މި މަސައްކަތްތަކަށް 500 އެއްހާ މަސައްކަތްތެރިން ހަރަކާތްތެރިވަމުންދާއިރު، ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދު ފެނިގެންދަނީ ވަރަށް ހަލަބޮލިކޮށެވެ. މިފަދަ ބިޔަ މަޝްރޫއަކުން ތަޖުރިބާ ލިބުމަކީ ސިވިލް އިންޖިނިއަރުންނާއި، މިދާއިރާއިން މަތީ ތަޢުލީމު ޙާސިލް ކުރަމުންދާ ދަރިވަރުންނަށްވެސް ލިބޭނެ ބޮޑު ފައިދާއެކެވެ.