ސިޔާސީ

ރިޟްވާންގެ މައްސަލަ ސިޔާސީ ކުރުމަށް ދަނީ މަސައްކަތް ކުރަމުން


މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުނު މައްސަލަ ސިޔާސީކުރުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އެކަން ކުއްވެރިކުރައްވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމަށް މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ އަޙްމަދު ރިޟްވާން ގެއްލުނު މައްސަލައަކީ ސިޔާސީ ފައިދާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއްގޮތުގައި ދެއްކުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި ބައެއް ނޫސްވެރިން ބައިވެރިކުރަމުންދާ ކަމަށާއި، އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަޙްމަދު ރިޟްވާން ގެއްލުވާލައިގެން ސަރުކާރަށްވާނެ ސިޔާސީ ފައިދާއެއް ނޯންނާނެ ކަމާށާއި، އެފަދަ ކަމެއް ސަރުކާރުން ނުވެސް ކުރައްވާނެކަމަށެވެ.

"ރިޟްވާން މައްސަލައަކީ އެއްވެސް މީހަކު ސިޔާސީ ކުރަން ޖެހޭ މައްސަލައެއްނޫން. ސަރުކާރުގެ އެއްވެސް އިންޓްރެސްޓެއް ނެތް ރިޟްވާން ވަގަށް ނަގައިގެން ފޮރުވައިގެން އޭނަޔާ ދެތެރޭ ކަމެއް ކުރާކަށް. ރިޟްވާނަކީ ވަރަށް މަދުބަޔަކު ދަންނަ ރިޕޯޓަރެއް. އެކަމަކު އޭނަ ގެއްލުނު މައްސަލައިގައި ސަރުކާރަށް ކުރެވޭ ހުރިހާކަމެއް ކުރަމުން މިގެންދަނީ." ޢުމަރު ވިދާޅުވިއެވެ.

ނޫސްވެރިޔާ ރިޟްވާން ގެއްލުނު މައްސަލައަކީ ސަރުކާރުންވެސް ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިމައްސަލައިގައި ބޭރު ޤައުމުތަކުގެ ލެބޯޓްރީތަކުގެ އެހީގައިވެސް ތަޙްލީލުތައް ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމައްސަލައާ ގުޅުން ހުރިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ފަރާތްތަކާވެސް ސުވާލުކުރައްވަމުން ގެންދަވާކަމަށާއި، މިމައްސަލައިގެ ހަޤީޤަތް ހާމަވަންދެން ފުލުހުން މިމައްސަލަ ބައްލަވަމުން ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިމައްސަލައިގައި އަޅުގަނޑުމެންނަށް ލިބެންހުރި ހުރިހާ ކުރިއެރުންތަކެއްވެސް އަޅުގަނޑުމެން ހޯދާނަށް. އަޅުގަނޑުމެން ފިޔަވަޅު އަޅާކަށް ވަކިމީހަކުވެސް ނެތް." – ޢުމަރު

ރާއްޖޭގެ ބައެއް މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިން ބޭއްވި އެއްވުމުގައި ރިޟްވާން ގެއްލިގެން ހޯދަމުންދާ މައްސަލަ ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ނޫސްވެރިން ބޭއްވި މުޒާހަރާއަކީ ސިޔާސީ މުޒާހަރާއެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.