ޚަބަރު

ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ފެށޭނެ: ވަޖީހު


  • އުންމީދަކީ 2027 ގައި ޕޯޓު ނިންމާ ބޭނުންކުރުން

  • ކާގޯ ހުސްކުރުމަށް ނަގާ މުއްދަތު ވަރަށް ބޮޑަށް ކުޑަވާނެ

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ، މާލޭ ކޮމާޝަލް ހާބަރ ތިލަފުއްޓަށް ބަދަލުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތްކަމަށެވެ. ވަޖީހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިަގަތުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަސައްކަތް ކުރިއަށްގެންދަވަން ފައްޓަވާފައިވާކަމަށެވެ.

ނިމުނު ސަރުކާރުން މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމާފައިވަނީ ގުޅީފަޅަށްކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ، މިސަރުކާރުގެ ވިސްނުން ހުރީ މާލޭ ކޮމާޝަލް ހާބަރ ތިލަފުއްޓަށް ބަދަލުކުރުމަށްކަމަށެވެ. އެގޮތުން މިހާރު އެކަމާގުޅޭ ޑިޒައިންތަކާއި ޕްލޭންތައް ހަދާ ނިމިފައިވާކަމަށެވެ.

ގާތްގަނޑަކަށް ކުރިއަށްއޮތް 3 މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށޭވަރު ވާނެކަމަށާއި އެކަމަށް ބޭނުންވާ ބިންވެސް މިހާރު ކަނޑައެޅި ނިމިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެކަމަށް މަސައްކަތްކުރާނެ ކޮންޓްރެކްޓަރެއްވެސް ހޮވާ ނިމިފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ.

"ޓާގެޓަކީ ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި ޕޯޓުގެ މަސައްކަތް ފެށުން. އަދި ހަމަ އެއާއެކު މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް 2026 / 2027 ގެ ތެރޭގައި ޕޯޓުގައި މަސައްކަތް ފަށާނަން. އެހެންވީމަ އެ އަމާޒަށް ވާސިލްވުމަށް މަސައްކަތް މިކުރަނީ." މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، މިހާރު މާލޭ ވިޔަފާރި ބަނދަރަށް ދިމާވާ މައްސަލައަކީ ޖާގައިގެ ގޮތުން ދިމާވާ މައްސަލަކަމަށެވެ. ކަނޑުމަގުން ރާއްޖެ އަންނަ ހުރިހާ ކާގޯއެއް އަންނަނީ މާލެއަށެވެ. މި ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށްގެންދާއިރު ކުރިއަށްއޮތް 5 އަހަރު ތެރޭގައި ކަނޑުމަގުން ރާއްޖެ އަންނަ ކާގޯ މިހާރަށްވުރެ އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ހުރިހާ ކާގޯއެއްވެސް އަންނާނީ މާލޭ ޕޯޓަށްކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ، މިއާއެކު ވަރަށް ބޮޑު ދައްޗެއް އަންނާނެކަމަށާއި މިކަމަށް ހައްލު ލިބޭނީ ޕޯޓު ތިލަފުއްޓަށް ބަދަލުވުމުންކަމަށެވެ.

މިހާރު އަންނަ ކާގޯ ބޯޓެއް ހުސްކޮށްލުމަށް 5 ދުވަހާއި 9 ދުވަހުގެ މުއްދަތެއް ނަގާކަމަށް ވަޖީހު ވިދާޅުވިއެވެ. ނަމަވެސް ޕޯޓު ތިލަފުއްޓަށް ބަދަލުވުމުން މި މުއްދަތު 2 ނުވަތަ 3 ދުވަހަށް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.