މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރައްވާނެކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާލީ ވަޒީރު ވިދާޅުވީ، މިހާރު ކުރެވެމުންދާ މަސައްކަތަކީ މިކަމަށް ބޭނުންވާ ސްޓްރަކްޗަރ އެކުލަވާލުމުގެ މަސައްކަތްކަމަށެވެ. އަދި ދާދިއަވަހަށް ސްޓްރަކްޗަރ އެކުލެވޭނެ ކަމަށާއި އެއާއެކު މުސާރައަށް އަންނަ ބަދަލު އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ޕޭ ހާމަނައިޒްކުރުންކަމަށެވެ. އެއް މުއައްސަސާއާއި އަނެއް މުއައްސަސާގެ މުސާރައިގެ ފަރަގު ކުޑަކުރުންކަމަށެވެ. އަދި މުސާރައިގެ ފަރަގު ކުޑަކޮށް ކޮންމެ އިދާރާއަކަށްވެސް ރަނގަޅު މުވައްޒަފުން ހޯދައި ރަނގަޅު މުވައްޒަފުން ހިފެހެއްޓުންކަމަށެވެ.
ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރުމަށް ރައީސް ވަޢުދުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިގެ ތެރޭގައެވެ.
މިއަހަރުގެ ބަޖެޓްގައި ޕޭ ހާމަނައިޒްކުރުމަށް ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާ ކަމަށް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ޕޭ ހާމަނައިޒް ކުރަނީ ފަހަރަކު އިދާރާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.