ޚަބަރު

ވިއްސާރައާ ގުޅިގެން މާލޭގެ 70 ގޭބީސީއަކަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ


  • އެސެސްމަންޓް ހެދުމަށް 154 ގެއެއް ކަނޑައެޅުނު

  • 34 ގޭބީސީއެއްގެ އިމާރާތްތަކަށް ގެއްލުންވި ކަމަށް ފާހަގަވި

  • 8 ގެއަކުން 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިން

ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 70 ގޭބީސީއަކަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

ޑިސެމްބަރ 31 ވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ވިއްސާރައިގައި ލިބުނު ގެއްލުން ދެނެގަތުމަށް އެސެސްމަންޓް ހެދުމަށް 154 ގެއެއް ކަނޑައެޅުނު ކަމަށެވެ. މީގެތެރެއިން 87 ތަނެއްގެ އެސެސްމަންޓްވަނީ ހަދާފައެވެ. އޭގެތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރިކުރާ ތަންތަނެވެ. 27 ގޭބީސީއަކުން އެސެސްމަންޓް ހަދަން ބޭނުންނުވި ކަމަށާއި، 21 ގޭބީސީއަކަށް އެކި ސަބަބުތަކާއި ހެދި ނުވަދެވުނު ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

އެންޑީއެމްއޭއިން ކުރިއަށް ގެންދިޔަ އެސެސްމަންޓުން 34 ގޭބީސީއެއްގެ އިމާރާތައް ގެއްލުންވިކަމަށް ފާހަގަވެފައިވާ ކަމަށް އެއޮތޯރިޓީން ވިދާޅުވެއެވެ. ފައިސާއިން ބަލާނަމަ މިއީ 248381 (ދެލައްކަ ސާޅީސް އަށްހާސް ތިންސަތޭކަ އަށްޑިހަ އެއް)ރުފިޔާގެ ގެއްލުމެވެ. އަދި 65 ގޭބިސީއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށާއި ފައިސާއިން ބަލާނަމަ މިއީ 1044308 (އެއް މިލިއަން ސާޅީސް ހަތަރުހާސް ތިންސަތޭކަ އަށް) ރުފިޔާ ކަމަށް އެންޑީއެމްއިން ވިދާޅުވެއެވެ.

މި ތަންތަނުގެ އެސެސްމަންޓް ހެދުމަށްފަހު 70 ގޭބީސީއަކަށް ސަރުކާރުން އެހީ ދިނުމަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެއީ ޖުމްލަ 457،242.60 ރުފިޔާއެވެ.

މި ވިއްސާރައިގައި 8 ގެއަކުން 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ފުރަތަމަ އިޖާބަދިނުމަށް ނުވަތަ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 179،275 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.