ޚަބަރު

ފުރަތަމަ ފަހަރަށް ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގެ ނަން ހަޑިކޮށްފި: ނައިބު ރައީސް


  • ވަޒީރުންނަށް ރުހުން ނުދީ ދިގުދަންމާލި މިއީ ފުރަތަމަ ފަހަރު

  • މޭޔަރު އިންތިޚާބު މުހިންމުވެ ވާދަވެރިވީ ރައީސް ދެއްކެވި ނަމޫނާގެ ސަބަބުން

ސަރުކާރަކުން އައްޔަން ކުރައްވާފައިވާ ވަޒީރުންގެ މަޖިލީހަކަށް ފުރަތަމަ ފަހަރަށް ރުހުން ނުދީ މަޖިލީހުގެ ނަން ހަޑިކޮށްލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިގޮތަށް ވިދާޅުވީ މިހާރު މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންނަށް އިޝާރާތް ކުރައްވައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ނުދީ ދިގުދަންމާލާފައިވާ ކަމަށާއި މިއީ މިހާތަނަށް އެއްވެސް ސަރުކާރަކާ ދޭތެރޭ މަޖިލީހުން ކޮށްފައިވާ ކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހަށް ރުހުން ނުދީ މަޖިލީހުގެ މިއަހަރުގެ ދައުރު ވަނީ ނިންމާލާފައެވެ. މިކަމާ ގުޅިގެން ބައެއް މެންބަރުންނާއި ރައްޔިތުންގެ ވެސް ފާޑުކިޔުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ. އެއީ ތަރައްޤީގެ ވިސްނުމާ ދުރުކަމެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެފަދަ ބަޔަކަށް ފުރުޞަތު ދީފިނަމަ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގެންގުޅޭ ތަރައްޤީ ފަހަތައް ސޮއްސައިލާނެ ކަމަށް ވިދާޅުވެފައެވެ.

ނައިބު ރައީސް ވަނީ މި މަހު ބާއްވާ މާލެ ސިޓީ މޭޔަރުގެ އިންތިޚާބު މުހިންމުވެފައިވާ ސަބަބުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެ އިންތިޚާބު މުހިންމުވެ ވާދަވެރިކަން އިތުރުވެފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު ދެއްކެވި ނަމޫނާގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު މޭޔަރުގެ މަޤާމުގައި ހުންނެވިއިރު އޭރުގެ ސަރުކާރުގެ ފިއްތުންތަކާއެކު ވެސް މާލެއަށް ބޮޑެތި ބަދަލުތަކެއް ގެންނެވިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ނަތީޖާއެއްގެ ގޮތުން މިއަދު މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން އެމަނިކުފާނުގެ ޚިދުމަތް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އެމަނިކުފާނު (ރައީސް) މި މާލެއަށް އޮތް ތަސައްވުރުގެ ހެއްކެއް މިއަދު މި ރޭހުގައި ވާދަކުރައްވަމުން އަންނަ ބައެއް ކެންޑިޑޭޓުން އެމަނިކުފާނުގެ ޚިދުމަތް ގަބޫލުކުރައްވައި އެ ތަސައްވުރަކީ ކޮންމެހެން ތަންފީޒު ކުރަން ޖެހޭ އެއްޗެއްކަން ގަބޫލުކޮށް، އެމަނިކުފާނާއެކު އެކަންކަން ކޮށްދެއްވުމަސް ތައްޔާރަށް ތިބިކަމަށް ވިދާޅުވަނީ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގައި މާލެއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަންކަން ރައީސް ފައްޓަވާފައިވާ ކަމަށާއި އެމަނިކުފާނު މޭޔަރު ކަމަށް ބޭނުންފުޅުވަނީ އެކަންކަމަށް އެއްބާރުލުން ދެއްވާނެ ބޭފުޅެއް ކަމަށެވެ.