ކުޅިވަރު

ކޮންޓޭއަކީ ޗެލްސީއަށް އެންމެ އެކަށީގެންވާ ކޯޗް - ޒޯލާ


އެންތޯނިއޯ ކޮންޓޭ އަކީ ޗެލްސީއަށް އެންމެ އެކަށީގެންވާ ކޯޗް ކަމަށް ޗެލްސީގެ ކުރީގެ ތަރި ޖިއަންފްރެންކޯ ޒޯލާ ބުނެފިއެވެ. އަންނަ ސީޒަނަށް ޗެލްސީގެ ކޯޗް ކަމަށް އިޓަލީގެ ކޮންޓޭ ހަމަޖެއްސުމަށް ނިންމުމުން ޒޯލާ ބުނީ ކޮންޓޭއަކީ މޮޅު ކޯޗެއް ކަމަށާއި، ހޯޒޭ މޮރީނިއޯއާ ޕެޕް ގާޑިއޯލާއާ އެއްފެންވަރެއްގައި ކޮންޓޭ ގުނޭނެ ކަމަށެވެ. 

އިޓަލީގެ ޔުވެންޓާސްއަށް ގިނަ ކާމިޔާބީތަކެއް ހޯދާދިނުމަށްފަހު އިޓަލީގެ ޤައުމީ ޓީމާ ހަވާލުވި ކޮންޓޭ ޗެލްސީއާ ގުޅޭނީ މިއަހަރުގެ ޔޫރޯއަށްފަހުއެވެ. ޗެލްސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒޯލާ ބުނީ ޔުވެންޓާސްގައި ކޮންޓޭ ފެނުނީ ތަފާތު ދައްކުވައިދިން ކޯޗެއްގެ ގޮތުގައި ކަމަށާއި، ޗެލްސީ ބަދަލުކޮށްލުމަށް ބޭނުންވަނީ ކޮންޓޭ ފަދަ ނުފޫޒު ގަދަ ކޯޗެއް ކަމަށެވެ.

"ކޮންޓޭ ވަނީ އިޓަލީގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ. އެހެން ކަމުން އަހަރެން ކޮންޓޭ ގުނަނީ މޮރީނިއޯއާ ގާޑިއޯލާއާ އެއްފެންވަރެއްގައި" ޒޯލާ ބުންޏެވެ.

 ޗެލްސީގެ މިހާރުގެ ކޯޗް ގޫސް ހިޑިންކްގެ ކޮންޓްރެކްޓް މިސީޒަނާއެކު ނިމޭނެއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ބާކީ މަދު މެޗްތަކެއް އޮތްއިރު ޗެލްސީ އޮތީ ލީގުގެ ދިހަ ވަނައިގައެވެ. ގިނަ ބަޔަކު ޤަބޫލްކުރާ ގޮތުގައި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޗެލްސީއަށް ޖާގައެއް ލިބުން ދުރެވެ.