ޚަބަރު

ރިޓަޔަރކޮށްފައިވާ ޞިއްޙީ ޚިދުމަތްތެރިންނަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރެވޭގޮތް ހަދައިފި


  • މުހިންމު ދާއިރާތަކުން ޚިދުމަތްތެރިން އިތުރުކުރުމަކީ އަމާޒެއް

  • އުޞޫލުތައް އެކުލަވާލުމަށް މަޝްވަރާކުރާނެ

  • އިތުރު ދާއިރާތަކުންވެސް މިފަދަ ފުރުޞަތުތައް ދެވޭނެ

އުމުރުން 55 އަހަރާއި 65 އަހަރުވެގެން މުސްކުޅިކުރައްވާފައިވާ ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވައިފިއެވެ. ސަރުކާރުން މިގޮތަށް ނިންމަވާފައިވަނީ ނިމުނު 2023 ވަނަ އަހަރު ބޭއްވި އެންމެފަހު ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ޞިއްޙީ ދާއިރާގައި މަސައްކަތްކޮށް މުސްކުޅިކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނިކުންނަނަން ބޭނުންވާ ފަރާތްތަކަކީ ޞިއްޙީ ގޮތުންނާއި ތަޢުލީމާއި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްނަމަ ކޮންޓްރެކްޓް އުޞޫލުން އެ ފަރާތްތަކަށް ވަޒީފައަށް ނުކުތުމުގެ ފުރުޞަތު ހަމަޖައްސާފައިވާކަމަށެވެ.

ނާޡިމް ވިދާޅުވީ، މިކަން ފުޅާ ދާއިރާއެއްގައި ގެންދިޔުމަށްޓަކައި ޞިއްޙީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް މިފަދަ އުޞޫލުތަކެއް ހެދުމަށްޓަކައި ކަމާ ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާއި ކުރެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ހަފްތާ 14 ނިމުމުގެ ކުރިން މިކަމަށް ގޮތްތަކެއް ނިންމަވާނެކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް އަލުން ނިކުންނަން ބޭނުންވާ ފަރާތްތައް ނެރުމަށް ކުރަން ޖެހޭ މަސައްކަތް ޞިއްޙަތާ ބެހޭ ވުޒާރާއިން ކުރަމުންދާކަމަށް ނާޡިމް ވިދާޅުވިއެވެ.

"ހެލްތް ސެކްޓާރ ތަކުގައި މިސާލަކަށް 4 ގަޑިއިރަށް މަސައްކަތް ކުރާނަމަވެސް އަންނާނެ މީހުން ތިބުމަކީ އެކަށީގެންވާކަމެއް. މިސާލަކަށް ނަރުހުން. އެހެންވީމަ އެކަން އެކުލަވާލައްވައިގެން ހެލްތް މިނިސްތްރީއިން އެކަން ކުރިއަތް ގެންދަވާނެ. މިކަމާއި ގުޅޭ ސާރވޭއެއްވެސް ވަނީ ހައްދަވާފައި. ތަފާސްހިސާބުތަކެއްވެސް ވަނީ ހޯދާފައި. މިކަމުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުން." ނާޡިމް ވިދާޅުވިއެވެ.

އެކި އެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނިކުންނަށް ބޭނުންފުޅުވާ ފަރާތްތަކުން ޚާއްސަ ސްކީމެއްގެ ދަށުން އެ ފުރުޞަތު އެ ފަރާތްތަކަށް ދެވިގެން ދާނެކަމަށް ޢަބްދުﷲ ނާޡިމް ވިދާޅުވިއެވެ. މިއީ ޞިއްޙީ ދާއިރާގާއި ތަޖުރިބާއާއި ޤާބިލު ބޭފުޅުން އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެވެސް އަމާޒަކީ ޞިއްޙީ ދާއިރާގެ އިތުރުން މުހިންމު އެކި ދާއިރާތަކުގައި ދިވެހިންގެ އަދަދު އިތުރު ކުރުންކަމަށް ނާޡިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީފާއަށް ނުކުންނަން ބޭނުންވާ ޚިދުމަތްތެރިންގެ ތެރެއިން 8 ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރެވޭނެ މީހުންނަށްވެސް ފުރުޞަތު ފަހިކޮށްދީ، މަސައްކަތް ކުރާ ވަގުތަށް ވަކި އުޖޫރައެއް ދިނުމަށް ކަނޑައަޅައި ސިވިލް ސާވިސް ގަވައިދުގައި ހިމެނުމަށްވެސް ނިންމާފައިވާކަމަށް ނާޡިމް ވިދާޅުވިއެވެ.