ޚަބަރު

ކުރީގެ ވަޒީރު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ


  • ނަހުލާ ވާދަކުރައްވަނީ ޖޭޕީގެ ޓިކެޓުގައި

  • ހުޅުމާލެ ދެކުނު ދާއިރާއަކީ އަލަށް އުފެއްދި ދާއިރާއެއް

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ކުރީގެ ވަޒީރު އައިޝަތު ނަހުލާ ނިންމަވައިފިއެވެ.

ނަހުލާ މަޖީލަހަށް ވާދަކުރައްވާކަން ހާމަކުރެއްވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ވާދަކުރައްވަން ނިންމަވާފައިވަނީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދާއިރާގެ ރައްޔިތުން ތާއީދުކޮށް ވޯޓު ދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ނަހުލާ ވާދަކުރައްވަން ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް އެދުމުގެ ފުރުޞަތު މި މަހުގެ 25 އާ ހަމައަށް އެ ޕާޓީން ވަނީ ހުޅުވާލާފައެވެ.

ހުޅުމާލެ ދެކުނު ދާއިރާއަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކުރި ދާއިރާތަކުގައި ހިމެނޭ އެއް ދާއިރާއެވެ. 19 ވަނަ މަޖިލީހުގައި ހުޅުމާލެ އޮންނަނީ އެއް ދާއިރާއެއްގެ ގޮތުގައެވެ.

ނަހުލާގެ އިތުރުން ކުރީ ސަރުކާރުގެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ވަނީ މަޖިލީހަށް ވާދަކުރައްވާކަން އިޢުލާން ކުރައްވާފައެވެ. އޭނާ ވާދަކުރައްވަނީ ވ. ފެލިދޫ ދާއިރާއަށެވެ.