ޚަބަރު

ޞިއްޙަތު ދުވަސް ފާހަގަކުރެއްވުމަށް ރަސްފަންނުގައި ފެއާރއެއް


ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރެއްވުމަށް ރަސްފަންނުގައި ފެއަރއެއް ބާއްވައިފިއެވެ.

ހަކުރުބަލި ނުވަތަ ޑައިބީޓީސް އަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. ނަމަވެސް މި ބައްޔަކީ އެކަމާމެދު އާންމުން ހޭލުންތެރިވެ، ރަގަޅު އާދަތަކުގައި ހިފައިގެން ކުރިއަށްދާނަމަ ފަސޭހަވާ ބައްޔެކެވެ. ރާއްޖޭގައި މީހުން މަރުވާ ނުވަ ބަލިތެރޭގައި ހަކުރު ބަލި ހިމެނޭ ކަމަށް ހެލެތް މިނިސްޓްރީން ވިދާޅުވެއެވެ. ހަކުރު ބައްޔާމެދު އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރަސްފަންނުގައި ބޭއްވި ފެއަރގެވެސް މައިގަނޑު މަޤްސަދަކީ ހަކުރު ބައްޔާމެދު އާންމުން ހޭލުންތެރިކަން އިތުރު ކުރުމެވެ. މިފެއަރ ފެށުމުގެ ގޮތުން ޑަބްލިއު.އެޗް.އޯގެ ރެޕްރެޒެންޓިވް އަރުވިންދު މާތޫރު ވަނީ ރާއްޖޭގެ ހަކުރުބަލީގެ ހާލަތާ ގުޅޭގޮތުން ވަރަށް އުންމީދީ ވާހަކަތަކެއް ދައްކަވާފައެވެ. ސަރުކާރާއި ރައްޔިތުން ގުޅިގެން މިހާރު ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ، ހަކުރު ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުން ރާއްޖެއަށް ކާމިޔާބު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، އެކި ފެންވަރުގައި ރާއްޖޭގައި މަސައްކަތްތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ސަރުކާރުން ކުރައްވަމުންދާ ހުރިހާ މަސައްކަތަކީވެސް، ރައްޔިތުންގެ ދުޅަހެޔޮ ކަމާއި، ރައްޔިތުންގެ ހިތްހަމަ ޖެހުމަށް ކުރައްވަމުންދާ މަސައްކަތްތައް ކަމަށެވެ. ފެއަރގެ ސަބަބުން އާއިލާތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހުގެ ފެއަރގައި ދިރިއުޅުމުގެ ރަނގަޅު އާދަތައް ކުޑަކުދިންނަށް ކިޔައިދިނުމާއެކު، ރަގަޅު ކާނާ ބޭނުން ކުރުމާބެހޭ މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމުގެ މުހިންމުކަން އަންގައިދިނުމާއެކު، ބައިސްކަލް ދުއްވަން އާދަ ކުރުމުގެ މަޤްސަދުގައި ބައިސްކަލް ދުއްވުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.