ޚަބަރު

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު 2 ކުދިން ފުރައިފި


  • ބޯންމެރޯ ހެދުމަށް ފުރަތަމަ ކުއްޖާ ފުރީ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު

  • ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ 40 ކުދިން ލިސްޓްކުރެވިފައި އެބަތިބި

  • އޭގެތެރެއިން 5 ކުއްޖަކު މިހާރު ތިބީ، ފަރުވާއަށް ފޮނުވޭވަރަށް ތައްޔާރުވެފައި

ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 2 ކުއްޖަކު މިއަދު ފުރައިފިއެވެ.

ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބޯންމެރޯ ހެދުމަށް ފުރަތަމަ ކުއްޖާ ފުރާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އެއީ ޢުމުރުން 9 އަހަރުގެ އަންހެން ކުއްޖެކެވެ.

އެހެންކަމުން މިހާތަނަށް ސަރުކާރުގެ އެހީގައި މިވަނީ 3 ކުދިން ފަރުވާއަށް ފުރާފައެވެ.

ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ 40 ކުދިން މިވަގުތުވެސް ލިސްޓްކުރެވިފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މި ކުދިންނަކީ އާއިލާގެ ތެރެއިން، ބޯންމެރޯ ޑޯނަރެއް ލިބިފައިވާ ކުދިންނެވެ.

އޭގެތެރެއިން 5 ކުއްޖަކު މިހާރު ތިބީ، ފަރުވާއަށް ފޮނުވޭވަރަށް ތައްޔާރުވެފައެވެ. ސަރުކާރުން ޢަމާޒުކޮށްފައިވަނީ، ކޮންމެ އަހަރަކުވެސް ވަކި ޢަދަދަކަށް ކުދިން ބޯންމެރޯ ހަދަން ފޮނުވުމެވެ.

ފުރަތަމަ ބެޗުގެ ކުދިން ފަރުވާއަށް ފޮނުވަނީ، މިކަމުގައި މިސަރަޙައްދުގައި އެންމެ ފާހަގަކޮށްލެވޭ އިންޑިއާގެ ހޮސްޕިޓަލަކަށެވެ. ކުދިން ބޯންމެރޯއަށް ބޭރަށް ފޮނުވަނީ، ކުދިންގެ ޞިއްޙީ ޙާލަތު އެކަމަށް ތަންދޭކަން ކަށަވަރުކުރުމަށް، ބޯންމެރޯ ހަދާ ހޮސްޕިޓަލްގެ ޓީމުން ރާއްޖެ އައިސް ކުއްޖާގެ ޙާލަތު ދެނެގަތުމަށްފަހުގައެވެ. އަދި އެކަމަށް ބޭނުންވާ ޓެސްޓްތައްވެސް ފުރިހަމަކުރުމަށްފަހުއެވެ.

ލިސްޓްކުރެވިފައިވާ 40 ކުދިންގެ އިތުރުންވެސް، ބޯންމެރޯއަށް ދާން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ސަރުކާރުންވަނީ ހުޅުވާލާފައެވެ. އެގޮތުން ތެލަސީމިއާ ސެންޓަރަށް އެކަން ހުށައެޅުމުން، ފަރުވާއަށް ދާން ތައްޔާރުވުމަށް ބޭނުންވާ ޓެސްޓްތައް ހެދުމުގެ ފުރުޞަތު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކޮށް ހަމަޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލިމީހުންގެ ގޮތުގައި 943 މީހަކު ދަފްތަރުކޮށްފައިވެއެވެ. އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 655 ތެލަސީމިއާ މީހުންނާއި ކުދިންނެވެ. ތެލަސީމިއާ ބަލިމީހުންނަކީ އެމީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ދަށްކުރުމަށް ދާއިމަށް، ފަރުވާ ހޯދަންޖެހޭ ބައެކެވެ. ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ފަރުވާއަކީ، ބޯންމެރޯ ހެދުމެވެ.