ޚަބަރު

މެޑިކަލް ޗެކްއަޕަށް ޚާއްސަ ކުލިނިކެއް އައިޖީއެމްއެޗްގަ ޤާއިމްކުރެވޭނެ: ރައްޒާޤު


  • މިއަދުން ފެށިގެން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭނީ 50 އަހަރުން މަތީގެ މީހުންނަށް

  • ކުރިމަގުގައި އިތުރު އުމުރު ފުރާތަކަށް މިޚިދުމަތް ލިބިގެންދާނެ

  • ޚިދުމަތް ފުޅާވެގެންދާއިރު، ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށްވަނީ ރާވާފައި

ކުރިމަގުގައި އައިޖީއެމްއެޗްގައި މެޑިކަލް ޗެކްއަޕަށް ޚާއްސަ ކްލިނިކެއް ޤާއިމްކުރުމަށް ރާވާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ހިންގެވުމާ ހަވާލުވެހުންނެވި، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމް ވިދާޅުވެއްޖެއެވެ.

އަބްދުލް ރައްޒާޤު މިހެން ވިދާޅުވީ އާސަންދައިގެ ދަށުން މިއަދުން ފެށިގެން ސަރުކާރުގެ ސިއްހީ ޚިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ހިންގެވުމާ ހަވާލުވެހުންނެވި، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމް ވިދާޅުވީ، ލިބޭ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފުޅާކުރަމުންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ހުޅުމާލެ ހޮސްޕިޓަލްގައި މިކަމަށް ޚާއްސަ ތަނެއް ހަމަޖައްސާފައިވާ ކަމަށާއި، ކުރިމަގުގައި އިތުރު ކެޓަގަރީތަކަށް މެޑިކަލް ޗެކްއަޕް ހަދާދޭން ފަށާއިރު، އައިޖީއެމްއެޗްގައި މިކަމަށް ޚާއްސަ ކްލިނިކެއް ޤާއިމްކުރުމަށް ރާވާފައިވާ ކަމަށެވެ.

" ވަކި މެޑިކަލް ޗެކްއަޕް ކުލިނިކެއް ޤާއިމްކުރުމަށް ވިސްނާފައިވަނީ، އޭރުން މެޑިކަލް ޗެކްއަޕަށް އަންނަ މީހުންނަކީ ވަކި އޭރިއާއަކުން ވަކިން ޚިދުމަތް ލިބޭ ބަޔަކަށްވާނެ،" ރައްޒާޤު ވިދާޅުވިއެވެ.

ރައްޒާޤު ވިދާޅުވީ، މެޑިކަލް ޗެކްއަޕްގެ ދަށުން ހަދާ ޓެސްޓުތަކުގެ ނަތީޖާ 4 ގަޑިއިރުތެރޭގައި ލިބޭނެ ކަމަށާއި، އަދި ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިޔު ތަރުތީބުން އެކަންތައް ހަމަޖެހިގެންދާނެ ކަމަށެވެ.

މެޑިކަލް ޗެކްއަޕްގެ ޚިދުމަތް ލިބޭ ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި ރަށްރަށުގެ ޞިއްހީ މަރުކަޒުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާއި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނެއެވެ. އެތަންތަނަށް ގުޅައި މެޑިކަލް ޗެކަޕް ހެދުމަށް ނަންނޯޓު ކުރުމުން އެ ޚިދުމަތް ލިބިގެންދާނެއެވެ.

މާލެ ސިޓީގައި ހިމެނޭ ހޮސްޕިޓަލްތަކުގައި މިޚިދުމަތް ހޯދުމަށްޓަކައި އެޕޮއިންޓުމަންޓު ހޯދުމަށް ގުޅަން ޖެހެނީ ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހާއި ބުދަ ދުވަހުއެވެ. ރައްޒާޤު ވިދާޅުވީ ފޯނުން ގުޅައިގެންނާއި ހޮސްޕިޓަލުގެ ކައުންޓަރުންވެސް މެޑިކަލް ޗެކްއަޕް ހެދުމަށް އެޕޮއިންޓުމަންޓު ހެއްދޭނެ ކަމަށެވެ.

" އައިޖީއެމްއެޗުން ގުޅާނީ 7226614 އަށް، އެޕޮއިންޓުމަންޓު ހަމަޖެހުމުން ހޮސްޕިޓަލުން ގުޅާފަ އަންގާނެ އަމަލުކުރަންވީގޮތް، ހެލްތު ޗެކްއަޕަށް ޚާއްސަ ޓޯކަންއެއް ދޫކުރާނެ، ރިޒަލްޓު ލިބުނީމަވެސް ހޮސްޕިޓަލުން ގުޅާނެ،" ރައްޒާޤު ވިދާޅުވިއެވެ.


އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކްއަޕަށް ހެދޭނެ ގޮތް ސަރުކާރުން ހަމަޖައްސާފައި މިވަނީ، ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުމަށެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކަށް ކުރެވޭ ޚަރަދުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވިގެންދާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.