ސިޔާސީ

ޕީޕީއެމް މަހާސިންތާގެ ބައިވެރިން ބ.އަތޮޅުގައި


ރައީސް ޔާމިން 2018 ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް މާޅޮސްމަޑުލު ދެކުނުބުރީގައި މިހާރު ކުރިއަށްގެންދާ މަހާސިންތާގެ ތެރެއިން އެއަތޮޅުގެ ރަށްތަކަށް ޓީމްތަކުން ޒިޔާރަތްކޮށްފިއެވެ.

ބ. އަތޮޅު މަހާސިންތާގެ ދެ ޓީމްގައި ހިމެނޭ އިސް އޮފިޝަލުން ވަނީ އަތޮޅުގެ ރަށްތަކަށް ދަތުރުކޮށް، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ބަލައި އޮޅުން ފިލުވާފައެވެ.

އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި، ސްކޫލް، ހެލްތް ސެންޓަރުތަކަށް ޒިޔާރަތްކޮށް، ދިމާވާ މައްސަލަތައް ވަނީ ދެނެގެންފައެވެ. މިޓީމްތަކުގައި ހިމެނިވަޑައިގަންނަވާ އެކި މިނިސްޓްރީތަކުގެ ކޯޑިނޭޓަރުންނާއި އެނޫންވެސް އިސް ބޭފުޅުން ވަނީ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި، ތަރައްޤީގެ ރޮނގުން ފުރިހަމަ ވެފައިނުވާ އަދި ހުއްޓިފައިވާ މަޝްރޫއުތަށް ބައްލަވައި، އެ ތަންތަނަށް މިހާރު ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކަމާގުޅޭ މިނިސްޓްރީތަކާއި އެކަންކަން ޙިއްޞާކޮށް އެފަދަ ކަންކަން ކުރުމަށް އިތުރު މަސައްކަތް ކުރެވިގެންދާނެކަމަށް ރަށްރަށަށް ޒިޔާރަތްކުރާ އެޓީމުން ބުނެއެވެ. ބައެއް ރަށްރަށުން ވާހަކަދެއްކި ޢާންމު ފަރާތްކުން ބުނީ، ރަށްރަށުގެ ކަންކަން ބެލުމަށް އެފަދަ ޓީމުތަކުން އައުމުން ހިތްހަމަޖެހޭ ކަމަށާއި، އުންމީދުކުރަނީ އަވަސް ފުރުޞަތެއްގެ ތެރޭގައި ކަންކަން ހައްލުވެގެން ދިއުމަށްކަމަށެވެ.

ބ. އަތޮޅުގައި ކުރިއަށްދާ މަހާސިންތާގެ މަޝްވަރާތަކާއި ލެކްޗަރުތަކުގެ ބައި އޭދަފުށީގައި ބާއްވާފައިވާއިރު، ބައެއް ބައިވެރިން ބުނީ މަހާސިންތާގެ ސަބަބުން ރަށްރަށަށް ދިމާވެފައިވާ އެކި އެކި މައްސަލަތައް ޙިއްޞާކުރެވިގެން ދިޔަކަމަށެވެ. އަދި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް އެނގިފައިވާކަން އެފަރާތްތަކުން ބުނެއެވެ.

ރައީސް ޔާމިން 2018 " ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް މާޅޮސްމަޑުލު ދެކުނުބުރީގައި މިހާރު ކުރިއަށްދާ މަހާސިންތާގެ ޙަރަކާތްތައް ނިންމުމުގެ ގޮތުން ބާއްވާ ޖަލްސާ މިރޭ އޭދަފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.