ޚަބަރު

ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދަނީ


މިއަހަރުގެ ރަމަޟާންމަހު މާލޭގެ މިސްކިތްތަކުގައި އިމާމުވެ، ތަރާވީޙް ނަމާދުކުރުމަށް ޙާފިޡުން ހޯއްދެވުމަށް އިސްލާމިކް މިނިސްޓްރީން ހުޅުއްވާލައްވައިފިއެވެ. މި ފުރުޞަތު ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވަނީ ހުޅުއްވާލައްވާފައެވެ. 

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އިމާމުވެ ތަރާވީޙް ނަމާދުކުރާ ޙާފިޡުންނަށް މިއަހަރުވެސް އެލަވަންސްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ދިވެހި ޙާފިޡުންނަށް، އިމާމުވެ ތަރާވީޙު ނަމާދުކުރާ ކޮންމެ ރެޔަކަށް ހަތަރުސަތޭކަ ރުފިޔާ ލިބޭއިރު، ބިދޭސީ ޙާފިޡެއްނަމަ ކޮންމެ ރެޔަކަށް ލިބޭނީ ދުއިސައްތަ ރުފިޔާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. 

މާލޭ ސިޓީގެ މިސްކިތްތަކަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޙާފިޡުން ހޯދާއިރު، އަތޮޅުތަކުގައި ޙާފިޡުން ހޯދުމުގެ ކަންތައްތައް ކުރައްވަނީ ރަށު ކައުންސިލްތަކުންނެވެ. އެގޮތުން ޙާފިޡުން ހޯދުމުގެ ހުއްދަ މިއަހަރުވެސް ކައުންސިލްތަކަށް ދެއްވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ޙާފިޡުން ލިބެން ނެތް ރަށްރަށުން ޙާފިޡުން ގެންނަނީ ރާއްޖެއިން ބޭރުންނެވެ. އެގޮތުން ކައުންސިލްތަކުން އިސްނަގައިގެން މިދިޔަ އަހަރުވެސް ވަނީ ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ހާފިޡުން ރާއްޖެ ގެނެސްފައެވެ. 

ތަރާވީޙް ނަމާދުކުރުމަށްޓަކައި، ރާއްޖޭގެ އެކި ޖަމްޢިއްޔާތަކުންވެސް ޙާފިޡުން ހޯދައެވެ. އެގޮތުން މިދިޔަ އަހަރު އެންމެ ގިނައިން އިމާމުން ގެނެސްފައިވަނީ ރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއެއް ކަމުގައިވާ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިންނެވެ. އެ ފައުންޑޭޝަނުން ވަނީ މިދިޔަ އަހަރު ރާއްޖެއިން ބޭރުގެ ތިރީސް އިމާމަކު ގެނެސްފައެވެ. މީގެ ތެރޭގައި ޕާކިސްތާނާއި، އިންޑިޔާއާއި ސްރީލަންކާގެ އިމާމުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ސިޔާސީ  ޕާޓީތަކުންވެސް ވަނީ މިދިޔަ އަހަރު ތަރާވީޙް ނަމާދު ކުރުމަށް ބޭރުގެ އިމާމުން ރާއްޖެ ގެނެސްފައެވެ.