ކާރިސާތަކުން ރައްޔިތުންގެ މުދަލާއި ފުރާނައާއި ވިޔަފާރިތަކާއި ހުރިހާ ކަމެއް ރައްކާތެރި ކޮށްދެވޭނެފަދަ ގޮތަކަށް ސަރުކާރުން ކަންތައްތައް ބައްޓަންކޮށް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވިއްސާރައިގައި މާލެ ސިޓީން ގެއްލުން ލިބުނު ބައެއް ގޭގެއަށް ޒިޔާރަތްކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ވިއްސާރައިގައި ފެންވަދެ ގެއްލުން ލިބުނު މާލޭ ސިޓީގެ ބައެއް ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެގެތަކުގެ ހާލަތުވަނީ ބައްލަވާލައްވާފައެވެ. މިޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފާއި ކެބިނެޓްގެ ބައެއް ވަޒީރުން ވަޑައިގެންނެވިއެވެ.
މާލޭ ސިޓީގެ ބައެއް ގެތަކަށް ކުރެއްވި ޒިޔާރަތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްޓޯމް ވޯޓަރ ނިޒާމް އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެމަޝްރޫއަކީވެސް އެކަށީގެންވާ ކަމެއްކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދާ ނިމޭއިރު އަޑީގަ ވަރުގަދަ ސްޓޯމް ވޯޓަރ ނިޒާމެއް ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިވިސްނަނީ ވިސްނުމެއް ނޫން ނިންމާފަވެސް އޮތް ކަމަކީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހުރިހާ މަގެއް ހެދުން. ހުރިހާ މަގެއް ހަދާއިރު އަޑީގަ ވަރަށް ވަރުގަދަ ސްޓޯމް ވޯޓަރ ނިޒާމެއް ގާއިމްކުރަން ވަރަށް ފަލަ ހޮޅިތަލެއް ލާފަ ވަރަށް ވަރުގަދަ ޕަމްޕިން ނިޒާމެއް ލާފަ. އޭރުން އިރާދަކުރެއްވިއްޔާ މިފަދަ ސިޗުއޭޝަނެއްގައިވެސް ގެތައް ސަލާމަތްވެ މީހުންގެ މުދަލާއި ފުރާނައާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ވިޔަފާރިތައް އިރާދަކުރެއްވިއްޔާ ސަލާމަތް ކުރެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މުޅި ޑިޒާސްޓަރ މެނޭޖްމަންޓް ނިޒާމް ވަރުގަދަކުރުންވެސް ކުރިއަށް ގެންދަވާނެ ކަމަށާއި، މާލަސްތަކެއް ނުވެ ވަރަށް އަވަސް ރަނގަޅު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ކާރިސާއެއްގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ މުދަލާއި ފުރާނައާއި ވިޔަފާރިތަކާއި ހުރިހާ ކަމެއް ރައްކާތެރި ކޮށްދެވޭނެފަދަ ގޮތަކަށް ސަރުކާރުން ކަންތައްތައް ބައްޓަން ކޮށްދެއްވާނެ ކަމަށެވެ.
"ވަރަށް ގިނަ ޞިއްޙީ މައްސަލަތައްވެސް ބައެއް ގޭގޭގެ ނަޖިސް ބިމު އަޑިން އަރާފަ އެބަހުރި ޖަންކްޝަންތަކުން. އެކަހަލަ ހުރިހާ ގެއަކަށްވެސް އެހީވާނަން އިރާދަކުރެއްވިއްޔާ އުއްމީދުކުރަނީ ވީހާވެސް އަވަހަކަށް މިކަމަށް ހައްލެއް ގެނެސްދިނުން އަދި ދާއިމީ ހައްލެއްވެސް ގެނައުން. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިއްސާރައިގައި މިއަދު ލިބުނު ގެއްލުމުގެ ސަބަބުން މީހުންނަށް އެހީވުމުގެ ކަންތައް ކަމާގުޅޭ ހުރިހާ ވުޒާރާތަކާއި، މާލެ ސިޓީކައުންސިލާއި، ސިފައިންނާއި ފުލުހުންވެސް ހުރިހާ ފަރާތްތައް ބައިވެރިވެގެން ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. އަދި މިރެއިން މިރެއަށް މީހުން ބަދަލު ކުރަންޖެހޭ ގެތަކުން މީހުން ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.